"ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކަށް ވަކި ހަމައެއްގެ މަތިން މޮނިޓާކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްފަހު އެއް ފުރުސަތު ދިނުމާ ގުޅޭގޮތުން ވިސްނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، ވާނުވާގައި ތިބި މީހުންނާ ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވީ، މިއަދު ޕްރޮސިކިއުޓާ ޖެނެރަލް އަދި އެޓާނީ ޖެނެރަލާ މަޝްވަރާ ކުރައްވައިގެން، މޮނިޓާ ކުރެވޭނެ ނިޒާމެއްގެ ތެރެއިން، އެއް ފުރުސަތު ދިނުމުގައި އެއްވެސް މައްސަލައެއް އުޅޭނެތޯ ބައްލަވާނެ ކަމަށެވެ.
މީގެ އިތުރުން، ކޯޓު ކޮމްޕްލެކްސް އެޅުމަށް ތައްޔާރުވަމުންދާ ކަމަށާއި، ވަގުތީ ގޮތުން ވެސް މައްސަލަތައް ބެލޭނެ އަވަސް އިންތިޒާމެއް ހަމަޖެއްސުމަށް މިހާރު ވެސް މަސައްކަތް ކުރައްވާ ކަމަށް ރައީސް މުއިއްޒު ފާހަގަކުރެއްވި ކަމަށް އެ އޮފީހުން ބުނެ އެވެ. އަދި ޖަލުތަކުގެ ހާލަތު ބައްލަވާނެ ކަމަށާއި ބައްދަލުވުމުގައި ފާހަގަކުރެވުނު އެހެނިހެން ކަންކަން ވެސް، ހާއްސަ އިސްކަމެއް ދެއްވައިގެން ބައްލަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އޮފީހުން އިތުރަށް ބުނިގޮތުގައި، މި ބައްދަލު ކުރެއްވުމުގައި، ވާނުވާ ބަންދުގައި ތިބި މީހުންނާ ގުޅޭގޮތުން ވަކާލާތު ކުރައްވާ ބޭފުޅުން ވަނީ އެ މައްސަލައަށް މިހާރުން މިހާރަށް ގެނެވޭނެ ކަމަށް ބެލެވޭ ހައްލުތައް ހިމަނާފައިވާ ކަރުދާހެއް ރައީސަށް ހުށަހަޅާފަ އެވެ. މި ކަރުދާހުގައި ވާނުވާ ބަންދުގެ ތަފާސް ހިސާބުތަކާއި، އެކި މައްސަލަތަކުގެ މައުލޫމާތު ހިމަނާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.