ހައިކޯޓުގެ ފަނޑިޔާރު ދީބާނާޒް ފަހުމީގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީން ބަލަން ފަށައިފި އެވެ.

މި މައްސަލަ ބެލުމަށް ނިންމާފައިވަނީ ހައިކޯޓުގެ ޝަރީޢަތެއް ލަސްވެފައިވާ ކަމަށް ބުނެ ހުށަހެޅުނު ޝަކުވާއަކާ ގުޅިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއަދުގެ ވަގުތެއްގައި ޖޭއެސްސީން ދީބާނާޒްގެ މައްސަލައެއް ބަލަމުންދާކަމުގެ ނޯޓިސް، އެ ކޮމިޝަނުގެ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީން ވަނީ އޭނާއަށް ފޮނުވާފަ އެވެ. ނަމަވެސް، މި މައްސަލަ ބަލަމުންދަނީ، އެ ކޯޓުގެ ކޮން ޝަރީއަތެއް ލަސްވެގެން ކަމެއް އަދި ސާފުވެފައެއް ނުވެ އެވެ.

ޖޭއެސްސީގެ އުސޫލުތަކުގެ ދަށުން، ފަނޑިޔާރެއްގެ މައްސަލައެއް ބެލުމުގެ ކުރިން، އެ ކޮމިޝަނުގެ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީއަށް ފަނޑިޔާރު ހާޒިރުކޮށް ގޮތެއް ނިންމަން ޖެހެ އެވެ.

މިއީ އެ މަރުޙަލާގެ ފެށުމެވެ. ދީބާނާޒް ފަހުމީ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރެވުނީ 2022 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 9 ވަނަ ދުވަހު އެވެ.