މުއްސަދިކަމާއި ތަރައްގީގެ އެންމެ މަތީ ފަންތީގެ ތަނެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އެމެރިކާގެ މިއާމީގެ މީހުން ހައްދާލުމަށް ކޮން އާޓިސްޓަކު އުޅުނީ ދުނިޔޭގެ އެންމެ މުއްސަނދި ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާ މެންބަރަކަށް ވެގެެނެވެ.
އެންތަނީ ގިގްނެކް ކިޔާ މި މީހާ ވަނީ ސައުދީގެ ޝާހީ އާއިލާގެ މެންބަރެއް ކަމަށް ބުނެ އެތައް އިންވެސްޓަރެއްގެ އަތުން މިލިއަނުން ޑޮލަރު ހޯދާފަ އެވެ. އޭނާ މިއާމީގައި މީހުނަށް ދެއްކީ ދެވަނައެއް ނުވާފަދަ މުއްސަނދި ކަމެކެވެ. އޭނާ ދިރިއުޅުނީ ދުނިޔޭގެ އެތައް މަޝްހޫރު މުއްސަނދި ތަރިންގެ ވެސް މަންޒިލެއް ކަމަށްވާ ފިޝާ އައިލެންޑްގަ އެވެ.
މިއާމީގެ މީހުންނަށް އެންތަނީ ފެނިގެން ދިޔައީ އަރަބި ހެދުން އަޅައިގެން، ގިނަ ގަހަނާތައް ބޭނުންކުރާ މީހެއްގެ ގޮތުގަ އެވެ. އޭނާ މީހުންނަށް ތައާރަފް ވަނީ ސައުދީ ރަސްގެފާނުގެ އެއްބަނޑު މީހެއްގެ ދަރި، "ޕްރިންސް ހާލިދު ބިން އަލް ސައުދު"ގެ ގޮތުގަ އެވެ. އޭނާ ދިރިއުޅުނީ 8 މިލިއަން ޑޮލަރުގެ ކޮންޑޯއެއްގަ އެވެ. ދުއްވަނީ ޑިޕްލޮމެޓިކް ބޯޑު ޖަހާފައިވާ ފެރާރީ ކާރެކެވެ. ނަމަވެސް އޭރު ވެސް މިއާމީގެ ބައެއް މީހުން ދިޔައީ އެންތަނީއާ މެދު ސުވާލު އުފައްދަމުންނެވެ.
އޭނާއަށް ގިނަ މީހުން ޝައްކު ކުރަން ފެށީ މުސްލިމެއް ގޮތުގައި ހުރެ، މުސްލިމުން ކެއުން ހަރާން އޫރުމަސް ކާތަން ފެނުމުންނެވެ.
ނޮވެމްބަރު 2017 ގައި އެފްބީއައި އިން އޭނާ ހައްޔަރުކޮށް އޭނާގެ އަގުބޮޑު މުދާތައް ހިފެހެއްޓި އެވެ. މީ އެންތަނީ ޕްރިންސެއް ކަމަށް ބުނެ އޮޅުވާލި ފުރަތަމަ ފަހަރު ނޫންކަން އޭރު އެނގުނެވެ.
އެންތަނީ 1990 ވަނަ އަހަރު ސައުދީ ޝާހީ އާއިލާ މެންބަރެއް ކަމަށް ބުނެ ލޮސްއެޖަލިސްގެ ބެވަލީ ހިލްސްގައި އުޅެނިކޮށް ވަގުން އޭނާ ލޫޓުވާލުމުން އެމެރިކާގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ގުޅައި އޭނާއަށް ޑިޕްލޮމެޓިކް ހިމާޔަށް ދިނުމަށް އެދުނެވެ. އެތަނުން ބެލި ބެލުމުން އޭނާއަކީ ޝާހީ އާއިލާއަށް ނިސްބަތްވާ މެންބަރެއް ނޫންކަން ހާމަވެފައިވެ އެވެ. އަދި ކޮންސިއުލޭޓުން ވަނީ އެކަން އެމެރިކާގެ އިދާރާތަކަށް އަންގާފަ އެވެ. އެ ފަހަރު. ވެސް އޭނާ ހައްޔަރުކުރި އެވެ. ނަމަވެސް އޭގެ ފަހުން ޖަލުން ނުކުމެވެސް އޭނާ މަކަރާ ހީލަތުން މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވެ އެވެ.
އޭގެ ފަހުން މިއާމީ މައްސަލައިގައި އޭނާގެ މައްޗަށް 2019 ވަނަ އަހަރު ވަނީ 18.5 އަހަރުގެ ޖަލު ހުކުމެއް ކޮށްފަ އެވެ. އަދި އޭނާގެ މަކަރުގައި ޖެހުނު މީހުންނަށް 7 މިލިއަން ޑޮލަރު ދެއްކުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ. އޭނާގެ އަގުބޮޑު މުދާތައް ނީލަމުގައި ވިއްކައިގެން، އޭނާގެ މި ސްކޭމްގައި ޖެހުނު ބައެއް އިންވެސްޓަރުންނަށް ކޮންމެވެސް ވަރަކަށް ފައިސާ ދީފައިވެ އެވެ.
މިއީ މީގެ 8 އަހަރު ކުރީގެ މައްސަލައެކެވެ. މިއަދު ރާއްޖޭގައި ވެސް ބޮޑު އިންވެސްޓްމަންޓަކާއެކު، ބިޔަ ޕްރޮޖެކްޓްތަކެއް ފެށުމަށް އައިސް އުޅޭ ޝާހީ އާއިލާ މެންބަރެއް ކަމަށް ބުނާ މީހަކާމެދު، މީހުން ދަނީ ސުވާލު އުފައްދަމުންނެވެ. މިއާމީގައި ސްކޭމްގައި ޖެހުނީ އިންވެސްޓަރުންނެވެ. ރާއްޖޭގައި މިފަދަ ސްކޭމެއްގައި ސަރުކާރުން ޖެހިއްޖެ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.