ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ގުޅޭގޮތުން މުޒާހަރާއެއްގައި ދެއްކި ވާހަކަތަކާ ގުޅިގެން ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ ފަރާތުން ސިވިލް ކޯޓުގައި ކުރާ ދައުވާތަކުގެ އަޑުއެހުން ލައިވްކުރަން ސާޖިދާގެ ފަރާތުން އެދިވަޑައިގަތަސް, އެ ޝަރީއަތް ސިއްރުކުރަން ސިވިލް ކޯޓުން ނިންމައިފި އެވެ.

ރާއްޖޭގައި ވޭޕް މަނާކުރަން ނިންމި ނިންމުމާ ރައީސް ދަރިކަލަކާ ގުޅުވައިގެން ވާހަކަ ދެއްކި ކަމަށް ބުނެ ސާޖިދާ ދައުވާ ކުރައްވަނީ އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ގެ މައްޗަށެވެ.

އެ މައްސަލައިގައި ސާޖިދާގެ ފަރާތުން އެދިވަޑައިގެންފައި ވަނީ އެ މައްސަލައަކީ އާންމުންގެ ސަމާލުކަން އޮތް މައްސަލައަކަށް ވާތީ އަޑުއެހުންތައް ލައިވްކޮށް ޓީވީން ވަގުތުން ދެއްކުމަށެވެ. އަދި އެ ތިން މައްސަލަ ވެސް އެއްކޮށް ކުރިއަށް ގެންދިއުމަށް އެކަމަނާގެ ފަރާތުން އެދިފައިވެ އެވެ.

ސިވިލް ކޯޓުން މިއަދު ނިންމީ ކުޑަކުއްޖެއްގެ މަސްލަހަތު އެ މައްސަލާގައި ހިމެނޭތީ ލައިވްކޮށް ނުދެއްކުމަށާއި އަދި އަޑުއެހުންތައް އެއްކޮށް ސިއްރު ކުރުމަށެވެ. ނަމަވެސް އެ ތިން މައްސަލާގެ އަޑުއެހުން ވެސް އެއްކޮށް ކުރިއަށް ގެންދަން ކޯޓުން ވަނީ ނިންމައިފަ އެވެ.

އެ މައްސަލާގައި ސާޖިދާގެ ފަރާތުން ވަނީ ފެމިލީ ކޯޓުގައި ވެސް ދައުވާކޮށްފަ އެވެ. އެ މައްސަލާގައި މަންދީ އާއި އެމްޑީޕީގެ އެހެން މެންބަރަކު ފުލުސް އޮފީހަށް ވެސް ހާޒިރުކޮށް, ތަހުގީގު ހިންގި އެވެ.