ކޮވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދިޔަ 90 އަހަރުގެ މީހަކު ރޭ މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ރޭ މެންދަމު 1:25 ގައި މަރުވެފައި ވަނީ 90 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއީ މިބަލީގައި ރާއްޖެއިން މަރުވި 34ވަނަ މީހާ އެވެ. މި ބަލީގައި މިހާތަނަށް މަރުވެފައި ވަނީ 27 ދިވެއްސަކާއި ހަތް ބިދޭސީއެކެވެ.

މި މީހާގެ މަރާއެކު މިއީ މި ސެޕްޓެމްބަރު މަހުގެ ތެރޭގައި މި ބަލީގައި މަރުވި ހަ ވަނަ މީހާ އެވެ. މިދިޔަ އޯގަސްޓް މަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވީ ނަމަވެސް، ބައްޔާ ދެކޮޅަށް ބައެއް ފިޔަވަޅުތައް ފަހުން ހަރުކަށި ކޮށްފައިވާއިރު، ފާއިތުވި ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި ބަލި ޖެހޭ މިންވަރު ވަނީ ދަށަށް ދާން ފަށައިފަ އެވެ.

އެންމެފަހުން މިބަލީގައި މީހަކު މަރުވީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

މި ބައްޔަށް އިއްޔެ ވެސް 75 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

ކޮވިޑް-19ގެ އެކްޓިވް ކޭސްތަކުގެ އަދަދު 1424 އަށް އަރާފައިވާއިރު 686 މީހަކު މިހާރު ވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 107 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަތޮޅުތަކުގެ ކޯވިޑް ފެސިލިޓީތަކުގެ ތެރެއިން ށ. ފުނަދޫގައި ދެ މީހަކަށާއި، ގއ.ވިލިނގިލީގައި ދެ މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް 9،724 މީހަކުވަނީ ޕޮޒިވްވެފަ އެވެ. ބަލިން ރަނގަޅު ވެފައިވަނީ 8،261 މީހުންނެވެ.