ބުރުޒުމަގުގައި ހުންނަ ހ. ފެންޓޯނިއޯ ގެއިން އަމިއްލައަށް ފުންމާލީ ނޫން ކަމަށާއި، އޭނާ ބަޔަކު ވައްޓާލީ ކަމަށް އާއިލާ އަށް ޔުމްނު ރަޝީދު ކިޔައިދީފައިވާ ކަމަށް އެ އާއިލާއިން ބުނެފި އެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އޭނާގެ އާއިލާއިން ވަނީ މިރޭ ފުރަތަމަ ފަހަރަށް އެ ކަމާ ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކޮށްފަ އެވެ.

ޔުމްނުގެ އާއިލާއިން ބުނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އެއްވެސް ވަރެއްގެ ތަހްގީގެއް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ. އަދި ހ. ފެންޓެނޯއީ ގެއަށް މީގެ ކުރިން ވެސް ގޮސްގައިވާ ކަމަށް ޔުމްނު ބުނެފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.

ޔުމްނު އަމިއްލައަށް ފުއްމާލީ ކަމަށް ފުލުހުން ބުނި ވާހަކަ ދޮގުކޮށް ޔުމްނުގެ އާއިލާއިން ބުނެފައިވަނީ އެފަދަ ކަމެއް އަމިއްލައަށް ނުކުރާ ކަމަށެވެ.

މި މައްސަލައިގައި ޔުމްނު ވައްޓާލުމުގައި ބައިވެރިވުން އޮތްކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލުގެ އިތުރުން އިތުރު 4 މީހަކު އެގޭގައި އެރޭ އެ ވަގުތު ތިބި ކަމަށް ޔުމްނު ބުނެފައިވެ އެވެ. އަދި މި މައްސަލައިގެ މައުލޫމާތު ފުލުހުން އާންމުކޮށްފައި ވަނީ ޔުމްނުގެ ބަޔާން ވެސް ނުނަގައި ކަމަށް ވެސް ޔުމްނުގެ އާއިލާއިން ބުނެފައިވެ އެވެ.

މީގެ އިތުރުން ރައުދުގެ އިތުރުން ފެންޓެނޯއީ ގޭގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހާލާ ހަމީދުގެ ދަރިކަލުން ޔޫސުފް ޔައްސާރު އަބްދުލް ޣަފޫރު ހުރިކަމަށް ޔުމްނު ބުނެފައިވާ ކަމަށް ވެސް އާއިލާއިން ބުނެ އެވެ.

ޔައްސާރު އަކީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ ގޭގައި މަސްތުވާތަކެއްޗާއެކު ޕާޓީކުރި މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ފުލުހުން ބުނާ އެކަކެވެ. ޔުމްނު ބުނެފައި ވަނީ އޭނާ ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށެވެ. އަދި އެ ގޭގެ ލޮކޭޝަން ވެސް ފޮނުވީ އޭނާ ކަމަށް ޔުމްނު ބުނެފައިވާ ކަމަށް ވެސް އާއިލާއިން ބުނެ އެވެ.