ކަޝްމީރުގެ ޕަހަލްގަމް އަށް ދިން ހަމަލާ އާ ގުޅިގެން ގުޅުން ގޯސްވެ، އިންޑިއާއިން ޕާކިސްތާނަށް ހަމަލާދޭން ފެށުމާއެކު އެންމެ ފަހުން ޕާކިސްތާނުން ވެސް އިންޑިއާ އާ ދެކޮޅަށް އަސްކަރީ ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

"އޮޕަރޭޝަން ބުންޔަނުން މަރުސޫސް" ގެ ނަމުން ނަންދީފައިވާ މި އޮޕަރޭޝަންގެ ދަށުން އުތުރު އިންޑިއާގައި ހުންނަ އަސްކަރީ ބައެއް ތަންތަނަށް ހަމަލާދީފައިވެ އެވެ. މީގެ ތެރޭގައި އިންޑިއާގެ ޕަންޖާބާއި ކަޝްމީރުގެ އުދަމްޕުރުގައި ހުންނަ އެއާ ފޯސް ސްޓޭޝަން ހިމެނެ އެވެ. މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނި ގޮތުގައި އިންޑިއާގެ ސްރިނަގަރަށާއި ޖަންމޫއިން ވެސް ބާރުގަދަ ގޮވުންތަކެއްގެ އަޑުވަނީ އިވިފަ އެވެ.

އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ސަރަހައްދުގެ ޗީފް މިނިސްޓަރު އުމަރު އަބްދުﷲ ވިދާޅުވީ ރަޖައުރީއަށް ދިން ހަމަލާއެއްގައި އެ ސަރަހައްދުގެ އެޑްމިނިސްޓްރޭޝަން އޮފިޝަލަކު މަރުވެފައިވާ ކަމަށެވެ. ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އިންޑިއާ އިން ވަނީ ބަދަލުހިފުމަށްޓަކައި ޕާކިސްތާނާ ދެކޮޅަށް "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި އަސްކަރީ އޮޕަރޭޝަނެއް ފަށާފަ އެވެ.

މިއާއެކު އިންޑިއާއިން ޕާކިސްތާނަށް މިސައިލްގެ ހަމަލާތަކެއް ދީފައިވާއިރު ބައެއް ހަމަލާތައް ވަނީ ޕާކިސްތާނުގެ އަސްކަރީ މަރުކަޒުތައް ކަމަށްވާ ނޫރު ހާން އާއި މުރީދާއި ޝޮރުކޮޓަށް އަމާޒުކޮށްފަ އެވެ. އެހެންނަމަވެސް މިހަމަލާތައް ދިފާއު ކޮށްފައިވާ ކަމަށާއި އެ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިނުވާ ކަމަށް ޕާކިސްތާނުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުންވެސް ޕާކިސްތާނުގެ ޕްލޭނިން މިނިސްޓަރު އަހްސަން އިގުބާލު ޗޯދްރީ ވިދާޅުވި ގޮތުގައި އާއްމު ސަރަހައްދުތަކަށް އިންޑިއާއިން ހަމަލާ ދިނުން ހުއްޓުވުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ.