ކޮންމެ ނޭދެވޭ ކަމަކުން ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރުމަށް މިއަދު އަޒުމު ކަނޑައަޅަން ޖެހޭކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް މުއިއްޒު ވިދާޅުވީ ކުޑަކުދިންގެ ދުވަހަކީ، ގައުމުގެ އަދުގެ އުފާވެރިކަމާއި މާދަމާގެ ފޮނި އުންމީދުތައް ގުޅިގެން އަންނަ ހާއްސަ މުނާސަބާއެއް ކަމަށާއި ރާއްޖޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބަޔަކީ ކުޑަކުދިންނަށް ވާއިރު އެކުދިން ތައްޔާރުވަމުން އެދަނީ، މުސްތަގުބަލުގައި މި ގައުމުގެ ކަންކަމާ ހަވާލުވުމަށް ކަމަށެވެ.
އެހެންކަމުން ހަރުދަނާ ޖީލެއްގެ ގޮތުގައި އެކުދިން ބޮޑެތިކޮށް، ދިވެހީންގެ ސިޔާދަތާއި، ކަރާމާތާއި، ތަމައްދުން ނަގަހައްޓަން އަރަފޯދޭ ބަޔެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ، ކޮނޑުގައި އެޅިފައި އޮތް އެންމެ އިސް ގައުމީ ވާޖިބުކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ކުޑަކުދިންނަށް ގޭތެރެއާއި، މަގުމައްޗާއި، މިނޫން ކޮންމެ ތަނަކުންވެސް، އެކަކު އަނެކަކަށް އިހުތިރާމް ކުރާ، އަދަބު އަހުލާގުން ޒީނަތްތެރިވެފައިވާ، ރީތި މާހައުލެއް ދައްކަން ޖެހޭ ކަމަށެވެ. އަދި ޒަމާނަށް ފެތޭނެ، މާދަމާއަށް ބޭނުން ހިފޭނެ، ތައުލީމާއި ތަމްރީނު އެ ކުދިންނަށް ހޯދައިދީ، ގައުމުދެކެ ލޯބިވާ، ދިވެހިވަންތަ، މުސްލިމް ދަރީންތަކެއްގެ ކޮނޑުމަތީ މި ގައުމުގެ މަޖްދާއި ކަރާމާތް އުފުލާނެކަން ކަށަވަރު ކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ކީރިތި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ މަތިވެރި އިރުޝާދުތަކުން އެނގެން އޮތް އެއް ހަގީގަތަކީ، ތުއްތު ކުއްޖާ ދުނިޔެއަށް އުފަންވަނީ ފިތުރަތުގެ ސާފުކަން މަތީގައި ކަމެވެ. އެ ކުއްޖާގެ އުޅުމާއި އަގީދާ ބައްޓަންވަނީ ބެލެނިވެރީން ދިން ތަރުބިއްޔަތެއްގެ މައްޗަށް ކަމެވެ." ރައީސް މުއިއްޒުގެ ހިތާބުގައި ވިދާޅުވި އެވެ.
މީގެއިތުރުންވެސް ރައީސް މުއިއްޒު ވަނީ މިއީ އުމުރުގެ އެންމެ އަގުހުރި ދުވަސްތައްކަން ހަނދާން ބަހައްޓާ، ކޮންމެ ދުވަހަކުވެސް ބޭނުންތެރި އާ ކަންކަން ދަސްކޮށް އެއްދުވަހަށްވުރެ ކާމިޔާބު އަނެއްދުވަސް ހޯދަން އަޒުމު ކަނޑައެޅުމަށް ކުޑަކުދިންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
މިއާއެކު ފަރުޟު ފަސްނަމާދު ކުރުމާއި، ދީނަށް ހރުމަތްތެރިކޮށް ހިތުމާއި، ދިވެހި އާދަކާދަތަކަށް އަހުލުވެރިވެ، ގައުމު ދެކެ ލޯބިވާ ބަސްއަހާ ކިޔަމަންތެރި ކުދިބަޔެއްގެ ގޮތުގައި ދެމިތިބުމަށް ރައީސް މުއިއްޒު ވަނީ ކުޑަކުދިންނަށް ނަސޭހަތްތެރިވެލައްވާފަ އެވެ.