ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރުމުގެ މައްސަލައާ ގުޅިގެން އެހެން ދުވަހެއްގައި އިތުރު ކޮމިޓީ ބައްދަލުވުމެއް ބާއްވަން ޖުޑީޝަރީ ކޮމިޓީން ނިންމައިފި އެވެ.

ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ މައްސަލަ ބަލާފައި އޮތީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކަނޑައަޅައި މައްސަލަ ތަޅުމަށް ފޮނުވުމަށެވެ. އެ ހުށަހެޅުމަށް ވޯޓަށް އެހުމުގެ ކުރިން ކޮމިޓީ މެދުކަނޑާލީ އެވެ.

މެދުކަނޑާލުމަށްފަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ނިންމީ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް އަލުން އެހެން ދުވަހެއްގައި ކޮމިޓީ ބައްދަލުވުމެއް ބޭއްވުމަށެވެ. އެ ހުށަހެޅުން ފާސްކުރީ އެމްޑީޕީ އާއި ޕީއެންސީގެ މެންބަރުންގެ އިއްތިފާގުންނެވެ.

އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ޖޭއެސްސީން ނިންމީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ނުފޫޒުފޯރުވި ކަމަށް ބުނެ އެވެ.

ނަމަވެސް ކްރިމިނަލް ކޯޓުގެ ދެ ގާޒީން ވެސް ޖޭއެސްސީއަށް ދިން ބަޔާނުގައި އެފަދަ ނުފޫޒެއް ފޯރުވާފައިނުވާ ކަމަށް ބުނެފައިވެ އެވެ.

އެއީ ކަނޑައެޅިގެން އެއްވެސް ހަގީގަތެއް ނެތް ދޮގު ތުހުމަތެއްކަން ފާޅުކަންބޮޑުކޮށް އެނގެން އޮތްނަމަވެސް ޖޭއެސްސީން ނިންމީ އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކުރުމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަނީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނުފޫޒުންނެވެ. އެމަނިކުފާނަށް އެކަމުގައި އެހީތެރިވެދެނީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމާއި ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އާދަމް ޝާމިލާއި ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމެވެ.

މިއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދާ ހިލާފަށް ކުރަމުން އަންނަ ކަމެކެވެ.