ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ހުއްޓުވުމަކީ ކޮންމެ މީހަކަށްވެސް އޮތް ފަރުދީ ޒިންމާއެއް ކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިފަދައިން ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަޤާމުން ވަކިކުރުމާ ގުޅޭ ގޮތުން ދައުލަތުގެ އެކި މުއައްސަސާތަކުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެންނެވެ. އެގޮތުން އޭނާ އެކްސްގައި ވިދާޅުވީ، ރައީސް މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތް ހުއްޓުވުމަށް މަސައްކަތް ކުރުމަކީ އިންސާފަށް ލޯބިކުރާ ކޮންމެ މީހެއްގެ މައްޗަށް ފަރުދީ ގޮތުންނާއި ޖަމާޢީ ގޮތުން ލާޒިމް ކަމެއް ކަމަށެވެ.
ފަނޑިޔާރުން ވަކިކުރުމާއި ދެކޮޅަށް އިމްރާން މީގެ ކުރިންވެސް ވަކާލާތު ކުރައްވާފައިވާއިރު، އޭނާ ވަނީ، އަމިއްލަ ބާރާއި ވެރިކަމުގެ ދަހިވެތިކަމުގައި ރައީސް މުޢިއްޒު ވަޑައިގަންނަވަނީ ޤާނޫނުއަސާސީގެ އެންމެ މުހިންމު އަސާސްތަކާއި ރުކުންތައް ސުންނާފަތިކޮށް މުޅި ޤާނޫނުއަސާސީ މުގުރާ ބިމާ ހަމަކުރަމުން ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އޭނާ ވަނީ، ދިވެހި ރައްޔިތުންނާއި ޤައުމުގެ ޙައްޤުގައި ޤާނޫނުއަސާސީ ދިފާޢުކުރަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އޭނާ މިފަދައިން ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ ފަނޑފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރުއަށް ޖުޑީޝަރީ ކޮމިޓީގައި ވެސް ޖަވާބުދާރީވާން ފުރުސަތު ނުދީ މަޤާމުން ވަކިކުރަން އިއްޔެ ނިންމުމާ ގުޅިގެންނެވެ.