ސަރުކާރުގެ ހަރަދުގައި ކިޔަވަންދާން ސްޓޫޑެންޓް ލޯނު ނަގާ ދަރިވަރުންގެ ތެރެއިން ލޯނު ބަރާބަރަށް އަނބުރާ ދައްކަނީ އެންމެ 40 ޕަސެންޓް ދަރިވަރުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ލޯނު އަނބުރާ ދެއްކުމުގައި ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި 60 ޕަސެންޓް ކުދިން އަނބުރާ ލޯނު ނުދައްކާ ކަމަށެވެ.

އެގޮތުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހާ ހަމައަށް މި ސަރުކާރުން 157 މިލިއަން ރުފިޔާ ސްޓޫޑެންޓް ލޯނަށް ހަރަދުކޮށްފައިވާކަން ފާހަގަކޮށް މިނިސްޓަރު ހައިދަރު ވިދާޅުވީ ލޯނު އަނބުރާ ދައްކަނީ އެންމެ 40 ޕަސެންޓް ދަރިވަރުން ކަމަށެވެ.

"ހަމައަށް ބަރާބަރަކަށް ނުދައްކާ. 40 ޕަސެންޓް ވަރު އަނބުރާ ދައްކަނީ،" މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.

އެއީ ވެސް ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށްވާއިރު، އެ ފައިސާ ހޯދޭނެ ގޮތްތަކާ މެދު މަޝްވަރާތައް ވެސް ކުރަމުން އަންނަ ކަމަށާއި އެކަމުގައި ވަރަށް އަވަހަށް ގޮތެއް ނިންމޭނެ ކަމަށް ވެސް މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.

ސްޓޫޑެންޓް ލޯނުގައި އެކަނި ވެސް 1،650 ދަރިވަރުން ރާއްޖެ އިން ބޭރުގެ އެކި ގައުމުތަކުގައި މި ވަގުތު ވެސް ކިޔަވަމުންދާއިރު ސްޓޫޑެންޓް ލޯނަށް އަހަރެއްގެ މައްޗަށް 1.5 ބިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރެ އެވެ. އެ ފައިސާ ދޫކުރަނީ ކޮންމެ ދަރިވަރަކަށް ވެސް ހަ މަހުން ހަ މަހުންނެވެ.