ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ބެލުމުގައި ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުރިހާ އިޖުރާޢަތްތަކެއް ފުރިހަމަކޮށްފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ދޮގު ހަދައިފި އެވެ.
ހުސްނީ މިގޮތަށް ވާހަކަދެއްކެވީ އިދިކޮޅު މެންބަރުން ފަނޑިޔާރުންގެ މައްސަލަ ބެލުމުގައި ޖޭއެސްސީން އިޖުރާއަތްތައް ފުރިހަމަ ނުކުރާ ކަމަށް ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ޖޭއެސްސީން ހުށަހެޅި މައްސަލަ ޖުޑިޝަރީ ކޮމިޓީން ދިރާސާކުރުމަށްފަހު، އިޖުރާއީ މައްސަލައެއް ނެތް ކަމަށް ނިންމައި، މަޖިލީހުގެ ތަޅުމަށް ހުށަހެޅި އެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިއަދެވެ.
"ކައުންސެލް ޖެނެރަލް ލަފަޔެއްދިން މައްސަލަ ބަލަން ފެށި އިޖުރާއަތު ފުރިހަމަނުވާ ކަމަށް. މެންބަރުން ނިންމާފައި ވަނީ ކޮމިޓީގެ ނިންމުމަށް ބަދަލެއް ގެންނަންނުޖެހޭ ކަމަށް. ރިޕޯޓާ އެއްގޮތަށް އެކަން ތަޅުމަށް ފޮނުވަން ނިންމާފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
ޙުސްނީ މުބާރިކް ވިދާޅުވި ގޮތުގައި ކޮމިޓީގެ ދައުރަކީ ޖޭއެސްސީން އިޖުރާޢަތްތައް ފުރިހަމަކޮށްފައިވޭތޯ ބެލުމެވެ. އަދި އެގޮތުން ބެލިބެލުމުން ހުރިހާ އިޖުރާޢަތްތަކެއް ފުރިހަމަކޮށްފައިވާ ކަމަށް ކޮމިޓީއަށް ޤަބޫލުކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ޖޭއެސްސީން ނިންމީ ރަނގަޅަށް ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމިއިރު އެ ދެމީހުންނަށް ކުރެވޭ ތުހުމަތު ސާބިތުކުރެވޭ ވަރުގެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައެއް ނުވެ އެވެ. އަދި އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ނިންމީ އުސޫލުތަކާ ހިލާފަށްކަން ފާހަގަކޮށް ހިއުމަންރައިޓްސް ކޮމިޝަނުން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.