މިދިޔަ މަހުގެ 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު 21، ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު މައްސަލަ ތަހުގީގުކުރާ ކޮމިޝަނުގެ ހިންގާ ގަވާއިދު އާއްމުކޮށްފި އެވެ.

ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ މި ގަވާއިދުގައި އެ ކޮމިޝަނުގެ މެންބަރުންގެ މަސްއޫލިއްޔަތާއި ބާރުތަކާއި ކޯރަމް އާއި މެންބަރުންގެ ސުލޫކީ މިންގަނޑުތަކުގެ އިތުރުން ތަހުގީގު ކުރުމުގެ އުސޫލުތަކާއި އިޖުރާއަތްތައް ވެސް ވަނީ ބަޔާންކޮށްފަ އެވެ.

ހަވާލުކޮށްފައިވާ މަސައްކަތްތައް ވީ އެންމެ އަވަހަކަށް ނިންމުމަކީ މެމްބަރުންގެ މަސްއޫލިއްޔަތުގައި ހިމެނޭ ކަމެކެވެ. އަދި ކޮމިޝަންގެ މަސައްކަތް ނިމޭނީ އެ ގަރާރުން ކޮމިޝަނާ މަތިކޮށްފައިވާ މަސައްކަތް ނިމުމުންނެވެ. އެހެންވެ، ގަވައިދުގައި އެކަމަށް ވަކި މުއްދަތެއް ނެތެވެ.

މިދިޔަ މަހު 27ގައި މި ކޮމިޝަނު އުފެއްދެވިއިރު ކޮމިޝަނުގެ މަސްއޫލިއްޔަތުކަމަށް ރައީސް މުހައްމަދު މުއިއްޒު ބަޔާންކުރެއްވި ފަދައިން މި ގަވާއިދުގައި ވެސް ބުނެފައިވަނީ އެ ކޮމިޝަނުގެ މަސްއޫލިއްޔަތަކީ ޔުމްނު ވެއްޓުނު މައްސަލަ ބަލައި އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި އެ ހާދިސާއާ ގުޅިގެން ކަމާ ބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބަލައި މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް އިންސާފުވެރިކަމާ އެކު އަދުލުވެރިކަމާ އެކީ ތަހުގީކޮށް، ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އެރުވުން ކަމަށެވެ.

މި ގަވާއިދު ބުނާގޮތުން ހަފުތާއަކު މަދުވެގެން ކޮމިޝަނުގެ ފަސް ބައްދަލުވުމެއް ބާއްވަންޖެހެ އެވެ. އަދި އެއްވެސް މެންބަރަކު ބައްދަލުވުމަށް ހާޒިރުވާން އުޒުރުވެރިވާ ނަމަ އެކަން އެއް ގަޑިއިރު ކުރިން އަންގަންޖެހޭއިރު، ކަނޑައެޅިގެން އެނގެން އޮތް އުޒުރެއް ނެތީސް ކޮމިޝަނުގެ ބައްދަލުވުމަކަށް ހާޒިރުނުވުމަކީ ސުލޫކީ މައްސަލައެކެވެ.

ކޮމިޝަނުގެ ބައްދަލުވުމެއް ބޭއްވުމަށް މަދުވެގެން ތިން މެންބަރުންގެ ކޯރަމެއް ހަމަވާންޖެހޭ ކަމަށް ގަވާއިދުގައިވެ އެވެ.

ބައްދަލުވުންތަކުގައި ގޮތް ނިންމޭނީ މެންބަރުންގެ އަގުލަބިއްޔަތުން ކަމަށް ބުނެފައިވީ ނަމަވެސް، މެންބަރުންގެ އިއްތިފާގުން ކަންކަން ނިންމަން މަސައްކަތް ކުރަންވާނެ ކަމަށް ހިންގާ ގަވާއިދުގައި ބުނެފައިވެ އެވެ.

މި ކޮމިޝަނަށް އެންމެ ފުރަތަމަ އައްޔަނުކުރެއްވީ ޑރ. މުހައްމަދު މުނައްވަރާއި، ކުރީގެ ވައިސް ޗިފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދުގެ އިތުރުން މި މައްސަލާގައި ތުހުމަތު ކުރެވޭ ރައުދު ޒިލާލާ ތިމާގެކަމުގެ ގުޅުން އޮންނަ ޑރ. މުހައްމަދު ހަބީބެވެ. ފަހުން ޑރ. ހަބީބު ވަނީ ކޮމިޝަނުން އިސްތިއުފާ ދެއްވާފަ އެވެ.

މިއީ އަންހެން ކުއްޖެއްގެ މައްސަލަ ބަލާ ކޮމިޝަނަކަށް ވާއިރު ކޮމިޝަނުގައި އަންހެނެއް ނެތުމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވުމާއެކު ފަހުން ރައީސް މުއިއްޒު ވަނީ މި ކޮމިޝަނަށް އާމިނަތު އީނާސް އާއި ޖަބީން މުހައްމަދު އިތުރު ކުރައްވާފަ އެވެ.