ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރި މައްސަލައިގައި އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމަކީ އަދުލު އިންސާފުން އެއްކިބާވެ ހިންގި އަނިޔާވެރި ޢަމަލެއް ކަމަށެވެ. އެ ޕާޓީން ފާހަގަކޮށްފައިވާ ގޮތުގައި، މި ދެ ފަނޑިޔާރުން ވަކިކުރުމުގައި ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ޢަމަލުކޮށްފައި ނުވެ އެވެ.

"އަލްއުސްތާޒު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމުގައި ގާނޫނުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަދުލުވެރިކަމާއެކު ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވުމަކީ މި ދެންނެވި ގާނޫނީ ވެރިކަމާއި އަދުލު އިންސާފުން އެއްކިބާވެ އެ ބޭފުޅުންނަށް އަނިޔާވެރިވުމުގެ އަމަލެއް ކަމުގައި މި ޕާޓީން ގަބޫލު ކުރަން،" އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އަލްއުސްތާޒު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމުގައި ގާނޫނުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަދުލުވެރިކަމާއެކު ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވުމަކީ މި ދެންނެވި ގާނޫނީ ވެރިކަމާއި އަދުލު އިންސާފުން އެއްކިބާވެ އެ ބޭފުޅުންނަށް އަނިޔާވެރިވުމުގެ އަމަލެއް ކަމުގައި މި ޕާޓީން ގަބޫލު ކުރަން،
އަދާލަތު ޕާޓީ

އަދާލަތުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ފަނޑިޔާރުގޭގެ މިނިވަންކަމަކީ ގާނޫނީ ވެރިކަމާއި އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މުހިންމު އެއް ރުކުން ކަމަށެވެ. އަދި ގާނޫނީ އިޖުރާއަތުތަކާ ހިލާފަށް ހިންގި ތަހުގީގެއްގެ މައްޗަށް ބިނާކޮށް ފަނޑިޔާރުން ވަކިކުރުމަކީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ މިނިވަންކަމަށް އޮތް ހުރަހެއް ކަމަށް އެ ޕާޓީން ދެކޭކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދާލަތު ޕާޓީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ނިންމި ނިންމުން މުރާޖައާކޮށް، އެ ފަނޑިޔާރުންނާމެދު ގާނޫނީ އިޖުރާއަތުތަކާ އެއްގޮތަށް އަމަލުކުރުމަށް ގޮވާލައްވާފަ އެވެ.