ވަރިވުމުގެ ކުރިން ދެ މީހުން މަޝްވަރާ ކުރަންޖެހޭ ކަމަށާއި އުދާސްތައް ބޭނުން ކުރަންވީ ސޯޝަލް މީޑިއާގައި ނޫން ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ އާއިލާތަކުގެ ދުވަހާ ގުޅުވައިގެން އިސްގާޒީ މާހިރު ނެރުއްވި ހިތާބެއްގައިވަނީ އިސްގާޒީ ވިދާޅުވީ، ވަރީގެ މައްސަލައެއްގައި ކޯޓަށް ދެމަފިރިއަކު ހާޒިރުވި ކަމަށާއި އެކަމަކު ކުރިން ތާވަލުކުރި އަޑުއެހުންތައް ދިގުލައިގެން ދިއުމުގެ ސަބަބުން ކޯޓުގައި ހޭދަވި ވަގުތުގައި ދެ މީހުން އަމިއްލައަށް މަޝްވަރާކޮށް, ވަރިނުވާން ނިންމި ކަމަށެވެ. އަދި ގިނަ މީހުން ކޯޓަށް އަންނަނީ ގިނަ ފަހަރު މަޝްވަރާ ނުކޮށް ކަމަށް އެ ހިތާބުގައިވެ އެވެ.

"މިފަދަ އަސާސީ ކަންކަމާ މެދު މަޝްވަރާކުރެވޭނަމަ، ކައިވެނި މަތީގައި ދެމިތިބެންޖެހޭ އެތައް ސަބަބެއް ފެންނާނެ އެވެ. ޒަވާޖީ ހަޔާތުގެ އުފާވެރިކަން ދަމަހައްޓަން އެދޭ ދެމަފިރިއަކު ނަމަ، އެ މީހުންގެ އުދާސްތައް ބޭރުކުރަންވީ ތަނަކީ ސޯޝަލް މީޑީއެއް ނޫނެވެ. ދެމީހުން އެކަކު އަނެކަކު އަހަންވީ އެވެ،" މާހިރު ވިދާޅުވި އެވެ.

އިސްގާޒީ ވިދާޅުވީ ދިގު މުއްދަތެއްވެފައިވާ ކައިވެނިތައް ރޫޅުން ގިނަވަމުންދާ ކަމަށެެވެ. އަދި ކައިވެނިތައް ރޫޅެން ދިމާވަނީ ކަނޑައެޅިގެން ވަކި ސަބަބަކާ ހުރެ ކަމަށް ދަންނަވަން ނޭނގުނަސް އެއީ ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ. ނަމަވެސް ވަރީގެ ކުރިން ބައިވެރިޔާ ވެފައިވާ ގުރުބާނީތައް ހަނދާން ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަނެކާގެ ކިބައިން ފެނުނު އުނި ސިފަތައް ހަނދާން އާކުރުމުގެ ބަދަލުގައި މި އުމުރުގައި ހަނދާން ކުރަންޖެހޭ ކަމަކީ ރަނގަޅު ކަމެކެވެ. ދިރިއުޅުމުގައި އަނަކާވީ ގުރުބާނީ އެވެ،" އިސް ގާޒީ ވިދާޅުވި އެވެ..އޭނާ ވިިދާޅުވީ ކައިވެނި ދަމަހައްޓަން އެދޭ ނަމަ ކުދިންނާ ވާހަކަ ދައްކައި، އެ ކުދިންގެ ވާހަކަ އަހައި، އާއިލާއާ އެކުގައި ހޭދަކުރާ ވަގުތު އިތުރުކުރަންޖެހޭ ކަމަށެވެ. އަދި ކޯޓުން ބާރު އަޅަނީ އާއިލީ ދިރިއުޅުން އުފާވެރިކުރާށެވެ. އަދި މައްސަލަތަކެއްގެ ތެރޭގައި ހިތްދަތި ދިރިއުޅުމެއް ތަހައްމަލުކުރަން ކޯޓުން ބާރު ނާޅައި ކަމަށާއި އެކަމުން ސަލާމަތްވެވޭނެ މަގެއް ވެސް ކޯޓުން ހޯދައިދޭނެ ކަމަށް ވިދާޅުވި އެވެ.

މާހިރު ވިދާޅުވީ ދަރިންގެ ހަރަދު ހޯދައި ދިނުމުގެ ނިޒާމު އޮތްގޮތުން ފުރިހަމަ ހައްލެއް ނުލިބޭ ކަމަށާއި ހަރަދު ދިނުމަށް އަންގައި ކޯޓުން ހުކުމް ކުރުމުން، އެ ހުކުމް ތަންފީޒުކުރަން އެތައް ފިޔަވަޅެއް އަޅާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރިންގެ ހަރަދު ނުދޭ މީހުން އަރުވާލުމާއި ގޭބަންދު ކުރުމާއި ޖަލަށް ލުމުގެ ބާރު ވެސް ކޯޓަށް އޮންނަ ކަމަށާއި އެކަމަކު އެއިން އެއްވެސް ފިޔަވަަޅަކީ ހަރަދު ލިބެންވާ ނިކަމެތި މައިމީހާ އަށް ކަށަވަރުކަމާ އެކު ހަރަދުގެ ފައިސާ ލިބޭ މަގެއް ނޫން ކަމަށާއި އެ މައްސަލަައަށް ދާއިމީ ހައްލެއް ހޯދޭނީ ދަރިންގެ ހަރަދު ހޯދުމަށް ހުރި އިންތިޒާމުތައް ބަދަލު ކޮށްގެން ކަމަށް ވެސް މާހިރު ވިދާޅުވި އެވެ.