ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިންމައި ދެ ހަފްތާގެ ޗުއްޓީއަކަށް ގޮސްފި އެވެ.

މިއަދުގެ ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ފުރަތަމަ ދައުރު ނިންމައި މިއަދުން ފެށިގެން ޗުއްޓީއަށް ދިޔަކަން އިއުލާން ކުރައްވާފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު ފެށި މި އަހަރުގެ ފުރަތަމަ ދައުރު ތެރޭގައި ނިންމާފައި ވަނީ ނުވަ ބިލެވެ. އަބްދުއްރަހީމް ވިދާޅުވީ މި ދައުރުގައި ޖުމުލަ ނުވަ ބިލު ފާސްކުރެވުނުއިރު، އޭގެތެރޭގައި ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް ގެނެވުނު އިސްލާހާއި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު އަދި މިއަދު މި ފާސްކުރެވުނު ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ފާހަގަކުރައްވާ ކަމަށެވެ.އަބަދުއްރަހީމް ވިދާޅުވީ މަޖިލީހަށް ހުށަހެޅުނު މަސައްކަތްތަކުގެ 77 އިންސައްތަ މަސައްކަތް މި ދައުރުގައި ނިންމައިލެވުނު ކަމަށެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ކޮންމެ އަހަރަކު މަޖިލީހުގެ ޖަލްސާތައް ބެހިގެން ވަނީ ތިން ދައުރަށެވެ. އެއީ ފުރަތަމަ ދައުރު ފެބްރުއަރީން 15 މޭއަށް، ދެވަނަ ދައުރު ޖޫން އިން 15 އޮގަސްޓަށް އަދި ތިން ވަނަ ދައުރު އޮކްޓޯބަރުން ނޮވެމްބަރަށެވެ.

މަޖިލީހުން ޗުއްޓީއަށް ދިޔައިރު، އިއްޔެވަނީ ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ވަކި ކުރަން ފާސްކޮށްފަ އެވެ. ޖޭއެސްސީން އިޖުރާއަތުތައް ފުރިހަމަ ނުކޮށް ނިންމި ތަހުގީގަކަށް ބިނާކޮށް މަޖިލީހުން ނިންމި ނިންމުމާއެކު ގިނަ ބަޔަކު ވަނީ ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވައި މަޖިލިސް ތެރެއިން ގަވައިދާއި ހިލާފަށް ކަންކަން ކުރަމުންދާކަމަށް ތުހުމަތުކޮށްފަ އެވެ.