ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދެ ކިލޯގެ މަސްތުވާތަކެއްޗާއެކު ހަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ފައިސާއާއި، އިލެކްޓްރޯނިކް ވަސީލަތްތަކާއި، ކެނަބިސް އެކުލެވޭ އުފެއްދުންތައް ވެސް އަތުލާފައިވާ ކަމަށެވެ.

މި އޮޕަރޭޝަނަކީ މި މެއި މަހުގެ 13 އަދި 14 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ދާންދޫ / ބޯގަންވިލާ، ޙަސަން ޢަލީ (26އ) އާއި ޅ. ކުރެންދޫ / މެދުރިގެ، މުޙައްމަދު އަލީޝް އަޙްމަދު (28އ) އާއި ހދ. ނޮޅިވަރަންފަރު ސާރާޒް، ވަލީދު މުޙައްމަދު (26އ) އާއި ސ. ފޭދޫ / ފެނިގެއްލިދާގެ، ޖައިލަމް މުޙައްމަދު ޒަކީ (28އ) އާއި ފ. ދަރަނބޫދޫ / ނާރެސް، ޝަޔާން އިސްމާޢީލް ވަޙީދު (18އ) އާއި އއ. ތޮއްޑޫ / ތުނޑި، އިބްރާހީމް މައިޝަމް މާހިރު (21އ) އެވެ.

މީގެ އިތުރުން މި އޮޕަރޭޝަނުގައި މާލެއާއި ހުޅުމާލެ ހިމެނޭގޮތަށް ހަތް ތަނެއް ބަލައި ފާސްކޮށްފައިވެ އެވެ. އެގޮތުން، ހެރޮއިންއާއި މެތަމްފެޓަމިން އަދި ކެނަބިސް ހިމެނޭ ގޮތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1943.76 ގްރާމް ހުންނާނެ ކަމަށާއި މީގެ އިތުރުން، ނިކޮޓިން-ސްޓައިލް ވޭޕް ކާޓްރިޖްތަކާއި، "މޫންޝައިން" ކެނަބިސް ބުއިންތަކާއި ފްލޭވަރ ކުރެވިފައިވާ ތެޔޮ ވެސް އަތުލައިގެންފައިވާކަމަށް ކަމަށް ފުލުހުން ބުނެއެވެ.

އަދި 90،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ އާއި 3،605 އެމެރިކާ ޑޮލަރުގެ އިތުރުން 6 މޯބައިލް ފޯނާއި ދެ ލެޕްޓޮޕް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވެއެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޖައިލަމް މުޙައްމަދު ޒަކީ (28އ) 5 ދުވަހަށް، އިބްރާހީމް މައިޝަމް މާހިރު (21އ) އާއި ޝަޔާން އިސްމާޢީލް ވަޙީދު (18އ) 10 ދުވަހަށް އަދި ޙަސަން ޢަލީ (26އ) އާއި މުޙައްމަދު އަލީޝް އަޙްމަދު (28އ) އާއި ވަލީދު މުޙައްމަދު (26އ) 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.