ރޮބޮޓެއް ރުބިކްސް ކިއުބެއް ރާވައި ދުނިޔޭގެ ރެކޯޑެއް މުގުރާލައިފި އެވެ.
އެމެރިކާގެ އެލްމޯ ފެމިލީ ސްކޫލް އޮފް އިލެކްޓްރިކަލް އެންޑް ކޮމްޕިއުޓާ އިންޖިނިއަރިންގެ ކިޔަވާ ހަތަރު ކުދިންގެ ޓީމަކުން ޑިޒައިން ކުރިން "ޕާޖޫބިކްސް ކިއުބް"ގެ ނަމުން ނަންދެވިފައިވާ ރޮބޮޓް ނުވަތަ "ޕަޒްލް ސޮލްވިން ބޮޓް" ރުބިކްސް ކިއުބް ރާވާފައި ވަނީ އެންމެ 103 މިލި ސިކުންތުގެ ތެރޭގަ އެވެ. މިއީ އެސްފިޔަ ޖަހަން ނަގާ ވަގުތަށް ވުރެ ވެސް އަވަސް މިނެކެވެ. އިންސާނަކު އެސްފިޔަ ޖަހަން ހޭދަވަނީ 200 އާއި 300 މިލި ސެކަންޑްގެ ވަގުތު ކޮޅެކެވެ. ވީމާ އެސްފިޔަ ޖަހާލުމުގެ ކުރިން އެ ރޮބޮޓް ވަނީ ރުބިކްސް ކިއުބް ރާވާއި ނިންމާލައިފަ އެވެ.
މީގެ ކުރިން ރޮބޮޓެއް ގާއިމުކޮށްފައިވާ ރިކޯޑަކީ 0.305 ސިކުންތެވެ. ނުވަތަ 305 މިލި ސެކަންޑެވެ. އެ ރިކޯޑް ގާއިމުކޮށްފައި ވަނީ 2024 ވަނަ އަހަރު ޖަޕާނުގެ މިޓްސުބުޝީ އިލެކްޓްރިކް ކޯޕަރޭޝަންސް ކޮމްޕޯނަންޓް ޕްރޮޑަކްޝަން އިންޖިނިއަރިން ސެންޓަރުންނެވެ. ޖަޕާނުން އުފެއްދި ރޮބޮޓަށް ދެވިފައިވާ ނަމަކީ "ޓޮކޫފާސްޓް ބޮޓް" އެވެ.
އިންޑިއާނާގެ ވެސްޓް ލަފަޔާޓްގައި ހުންނަ ޕާޖޫ ކޭމްޕަސްގައި އުފެއްދި މިރޮބޮޓަށް ރުބްރިކްސް ރޭވުމަށް ބޭނުންކުރާ ޚާއްސަ ސިފަތައް ފޯރުކޮށް ދެވިފައިވާ ކަމަށް އެ ޔުނިވާސިޓީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ. މި ރޮބޮޓް އުފެއްދި އިންޖިނިއަރިން ކިޔަވާ ކުދިން، މި ރިކޯޑް މުގުރާލުމުގެ ކުރިން ވެސް ވަނީ އެ ޔުނިވާސިޓީއިން އިންތިޒާމް ކޮށްގެން ބޭއްވި ސްޕާކްސް ޗެލެންޖްގައި މިދިޔަ އަހަރު ހަމަ މި ރޮބޮޓް ބޭނުންކޮށްގެން ޑިޒައިން މުބާރާތަކުން އެއްވަނަ ހޯދައިފަ އެވެ. އެއަށްފަހު އެ ޔުނިވާސިޓީގެ އެހީތެރިކަމާއެކު މި ރޮބޮޓް އިތުރަށް ތަރައްގީކުރި އެވެ.
އިންޖިނިއަރިން ކިޔަވާ މި ދަރިވަރުން ދުނިޔޭގެ ރިކޯޑެއް ހެދުން މީ މަޖަލަކަށް ކުރި ކަމެއް ނޫނެވެ. މިހާރު ވެސް ޕާޑިއުބިކް ކިއުބްސް ރޮބޮޓްސްގެ އަވަސް ހަރަކާތްތުގެ ބޭނުން އަންނަނީ ތަކެތި އުފެއްދުމާއި ބަންދުކުރުމުގެ ސިނާއަތްތަކުގައި ބޭނުން ކުރެވެމުންނެވެ.
ރުބިކް ކިއުބް ރޭވުމުގެ މުބާރާތް ވަރަށް ތަފާތު ގޮތްގޮތަށް ވެސް ބޭއްވެ އެވެ. އޭގެ ތެރޭގައި ނުފެންނަ ގޮތަށް ލޯމަތީ ފޮތިގަނޑެއް ބަނދެގެން ވެސް ކުރިއަށް ގެންދެ އެވެ. އެންމެ އަވަހަށް ކިއުބެއް ރާވާލެވުމުގެ ދުނިޔޭގެ ރިކޯޑް އޮންނަނީ އެމެރިކާގެ ރައްޔިތެއް ކަމަށްވާ މެކްސް ޕާރްކް އަތުގަ އެވެ.
އޭނާ ކިއުބެއް ރާވާލައިފައި ވަނީ 3.13 ސިކުންތުންނެވެ. ކިތަންމެ އަވަހަށް ކިއުބެއް ރާވާލެވުނަސް "ޕާޖޫބިކްސް ރޮބޮޓާއި" ވާދަކުރުމަކީ ނާދިރު ކަމެކެވެ.