މެދުއިރުމައްޗަށް ސުލްހަވެރިކަން ގެންނަން ބޭނުންވާކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހައްދަވަނީ އިތުރުފުޅުކަމަށް އީރާނުގެ ސުޕްރީމް ލީޑަރު، އާޔަތުﷲ އަލީ ޚާމައިނީ ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ދާދިފަހުން ގަތަރަށް ކުރި ދަތުރުފުޅުގައި ދެއްކެވި ވާހަކަތަކަށް ފާޑުވިދާޅުވަމުން ޚާމައިނީ ވިދާޅުވީ އެމެރިކާއިން އެމީހުން ބާރު ބޭނުންކުރަނީ ޣައްޒާގެ ކުޑަކުދިންގެ ބޮލަށް 10 ޓަނުގެ ބޮން އެޅުމަށް ޔަހޫދީންނަށް ވާގިވެރިވުމަށް ކަމަށެވެ.
ގަތަރަށް ކުރި ދަތުރު ނިންމާލުމަށްފަހު އެމެރިކާއަށް ވަޑައިގަންނަވަމުން ޓްރަމްޕް ނޫސްވެރިންނާއި ބައްދަލުކުރައްވާ، އެމެރިކާއިން ހުށަހެޅި ނިއުކްލިއާ ޕްރޮގްރާމަށް އީރާނުން އެއްބަސް ނުވެއްޖެ ނަމަ ނަތީޖާ ރަނގަޅުނުވާނެ ކަމަށް ޓްރަމްޕް ވަނީ ބުނެފަ އެވެ. މިކަމާ ގުޅިގެން ޚާމައިނީ ބުނީ ޓްރަމްޕަކީ އެމެރިކާގެ ރައްޔިތުންނަށްވެސް ހުރި ލަދެއް ކަމަށާއި، އޭނާގެ ވާހަކަތަކަށް ރައްދު ދިނުމުގެ މުހިންމުކަމެއް ނެތް ކަމަށެވެ.
މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކާއި ހަނގުރާމަތަކާއި ކޮރަޕްޝަނުގެ މުލަކީ ޔަހޫދީން ކަމަށާއި އެއީ ނައްތާލަން ޖެހިފައިވާ "ކެންސަރު ޓިއުމަރެއް" ކަމަށް ވެސް ޚާމައިނީ ވިދާޅުވި އެވެ.
ޚާމައިނީގެ އިތުރުން އީރާނުގެ ރައީސް މަހުމޫދު ޕެޒެޝްކިއަން ވެސް ވަނީ ޓްރަމްޕް ސުލްހަވެިކަމުގެ ވާހަކަދައްކަނީ އެއާއި އެއްވަރަށް ގައުމުތަކަށް އިންޒާރުވެސް ދެމުންކަމަށް ވިދާޅުވެފަ އެވެ. ޕެޒެޝްކިއަން ވިދާޅުވީ ޓްރަމްޕް ދައްކާ ވާހަކަތަކުގެ ތެރެއިން ގަބޫލު ކުރަންވީ ކޮންކަމެއްކަން ނޭނގޭ ކަމަށެވެ.
މީގެ އިތުރުންވެސް ޕެޒެޝްކިއަން ބުނީ އެމީހުން ބޭނުންވަނީ ހަނގުރާމަ ކުރަންނޫން ކަމަށާއި، އީރާނުން އެމެރިކާ އާއިއެކު ނިއުކްލިއާ އެއްބަސްވުމުގެ މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށާއި އެމެރިކާ އިން ދޭ އެއްވެސް އިންޒާރަކަށް ފަސްނުޖެހޭނެ ކަމަށެވެ.