މިހާރުގެ ސަރުކާރު ހަމަމަގަށް އެޅުވުމުގެ ގޮތުން މަގުމައްޗަށް ނުކުމެ ވަރުގަދަ ހަރަކާތްތަކެއް ހިންގުމަށް ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރޭ ޗާންދަނީ މަގުގައި ހުންނަ ދަނޑިކޮށީ ހަރުގޭގައި ބޭއްވި އެމްޑީޕީގެ ހާއްސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރު ޒިންމާދާރުކުރުވުމަށްޓަކައި މަގުމައްޗަށް ނުކުމެ ކުރަންޖެހޭ ކަންކަން ކުރުމަށް އެމަނިކުފާނު ހުންނެވީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. އަދި މި މަސައްކަތް ރާވާލައި، އިންތިޒާމު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ގައުމުގެ ކަންކަން މިހާރު ދަނީ ރައްޔިތުންނަށް ކެތްނުކުރެވޭ ފަދަ ދަށު ދަރަޖައަކަށެވެ. އެހެންކަމުން، ރައްޔިތުންގެ ހައްގުގައި ސަރުކާރާ ދެކޮޅަށް ރައްޔިތުން ތެދުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށާއި، އެ ރައްޔިތުންނާއެކު އަބަދުވެސް ސާބިތުކަމާއެކު ހުންނަވާނެ ކަމުގެ އިތުބާރު އެމަނިކުފާނު ދެއްވި އެވެ.
މީގެ އިތުރުން، ކުރީގެ ރައީސުން މުޒާހަރާތަކަށް ނުކުންނަވާ ނަމަ، އެ ވަގުތަކު އެ ބޭފުޅުންނަށް ދައުލަތުން ފޯރުކޮށްދޭ ސެކިއުރިޓީ މެދުކަނޑާލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ނިންމާފައިވާ ނިންމުމަށްވެސް ނަޝީދު ވަނީ ރައްދު ދެއްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ، ސެކިއުރިޓީ ކަނޑާލި ކަމުގައިވިޔަސް، ރައްޔިތުންގެ ހައްގުގައި މަގުމައްޗަށް ނުކުތުމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
މި ޖަލްސާގައި އެމްޑީޕީގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެރިވެފައިވެއެވެ.
އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންގެ މަގާމަށް ޝަރީފް
ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެއްޖެ