މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓް ކަމުގައިވާ މުލީ އެއާޕޯޓް އެޅުމަށް ދައުލަތުގެ ބަޖެޓުން 540 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.
މުލީ އެއާޕޯޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެ އެއާޕޯޓަކީ ގިނަ ބައެއްގެ ބުރަ މަސައްކަތުން ނިމިފައިވާ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއުގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމާލެވިފައި ވަނީ އެމްޓީސީސީގެ ވެސް މަސައްކަތުން ކަމަށް ފާހަގަކުރައްވައި، އެ ކުންފުންޏަށް ޝުކުރު އަދާކުރެއްވި އެވެ.
ނަމަވެސް އެ އެއާޕޯޓަކީ އެމްޑީޕީ ސަރުކާރުން ތަރައްގީކޮށް ބޮޑު ބައެއް ނިންމާފައިވާ ތަނަކަށް ވިޔަސް މި ރަސްމިއްޔާތުގައި އެކަމެއް ފާހަގައެއް ނުކުރެ އެވެ.
ވަޒީރު ވިދާޅުވިގޮތުގައި، މި މަޝްރޫއަށް ޖުމުލަ 540 މިލިއަން ރުފިޔާ ހަރަދުވެފައި ވަނީ 2014 ވަނަ އަހަރު ފެށުނު ބިން ހިއްކުމުގެ މަސައްކަތުން ފެށިގެން މިއަދާ ހަމައަށެވެ. މިއީ މ. އަތޮޅުގެ އާބާދީގެ ނިސްބަތުން ބަލާއިރު ބޮލަކަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"މަގާމާ ހަވާލުވިފަހުން އެންމެ އިސްކަމެއް ދީގެން ނިންމަން ރައީސް އެދިވަޑައިގެންނެވި އެއް މަޝްރޫއަކީ މުލި އެއާޕޯޓް މަސައްކަތް. މަސައްކަތް އޮތީ ވަރަށް ބޮޑަށް ހުއްޓިފައި އޭރު. އެޕްރޫވް ނުވެ ހުރި ވަރަށް ގިނަ ވޭރިއޭޝަންތައް ހުރި،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މ. އަތޮޅަކީ އާބާދީ ކުޑަ ނަމަވެސް ގުދުރަތީގޮތުން މުއްސަނދި، ފަތުރުވެރިކަމަށް ތަރައްގީކުރުމަށް ފުރުސަތު އޮތް އަތޮޅެއް ކަމަށެވެ. އަދި އެއާޕޯޓް މަޝްރޫއު ވެގެންދަނީ ފަތުރުވެރިކަމުގެ އެތައް އިންވެސްޓްމަންޓަކަށް މަގުފަހިވާނެ ދޮރޯއްޓެއް ކަމަށާއި، އިގްތިސާދީ ނަފާވެރިކަމަށް މުހިންމު އިންފްރާސްޓްރަކްޗާއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެމްޑީޕީގެ ސަރުކާރުގައި ތަރައްގީކުރަން ފެށި މުލީ އެއާޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ހާއްސަ 1,200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހިމެނޭ އެއާޕޯޓެކެވެ. މި އެއާޕޯޓް ހިންގަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީންނެވެ. އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައި ވަނީ މިދިޔަ އޭޕްރީލް މަހު އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މި އެއާޕޯޓް ހުޅުވިގެންދަނީ ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށް ރައީސް މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. އަދި މުލަކު އަތޮޅުގެ ތަރައްގީއަށް ރައްޔިތުން މަސައްކަތް ކުރުމަށާއި، ޓޫރިޒަމްގެ އިންވެސްޓްމަންޓްތައް ގެނައުމަށް މަސައްކަތް ކުރުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.