ބ. އޭދަފުށީގެ މަގުތަކުގައި ތާރުއަޅަން މަގުހަދާ ސަރުކާރުގެ ކުންފުނި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފި އެވެ.

އޭދަފުށީގެ މަގުތައް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 5.3 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމުގެ މަސައްކަތް އާރުޑީސީ އާ ހަވާލުކޮށްފައިވަނީ އިންފްރާސްޓްރަކްޗާ މިނިސްޓްރީ ހުންނަ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ހަސަން ރަޝީދު އެވެ. އާރުޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަލީ ޒުހައިރު އެވެ.

މި އެއްބަސްވުމުގެ ދަށުން އޭދަފުށީގެ 5.3 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމުގެ އިތުރުން ދުވާރުތައް ހެދުމާއި ފެން ހިންދާ ނިޒާމެއް ގާއިމު ކުރުން އަދި ރޯޑް މާކްސް އާއި ސައިން ބޯޑުތައް ހަރުކުރުން ހިމެނޭއިރު މި މަޝްރޫއުގެ ޖުމްލަ އަގަކީ 75.6 މިލިއަން ރުފިޔާ އެވެ.

އާރުޑީސީ އާއިއެކު އޭދަފުށީގެ މަގުތައް ހަދަން ސަރުކާރުން އެއްބަސްވިއިރު، ނިމުނު ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން ކޮންސްޓްރަކްޝަން މިނިސްޓަރު، އަބްދުﷲ މުއްތަލިބު ވަނީ ތާރުއެޅުމުގެ ގާބިލުކަން އާރުޑީސީގައި ނެތް ކަމަށް ވިދާޅުވެފަ އެވެ.

މިގޮތުން ތިމަރަފުށީގެ މަގު ހެދުމުގެ މަސައްކަތް ހުއްޓިފައި އޮތީ އާރުޑީސީގައި ތާރު އެޅުމުގެ ގާބިލުކަން ނެތުމުން ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް އާރުޑީސީއާ އެއްކޮށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު އާރުޑީސީން އެ މަސައްކަތްކޮށް ތާރު އެޅުމާ ހަމައަށް ގެންގޮސްފައި އޮތީ، ދެން އާރުޑީސީން މި ވަގުތު އަމިއްލައަށް ތާރު އެޅުމުގެ ކެޕޭސިޓީއެއް ނެތުމާ އެއްކޮށް ތާރު އެޅުމުގެ މަސައްކަތް ނުފެށި އޮތީ، އެއަށް ހައްލެއް ލިބޭތޯ އަޅުގަނޑުމެން އާރުޑީސީއާ އެއްކޮށް މަސައްކަތްތަކެއް ކުރަމުން މިދަނީ، އެހެން ކޮންޓްރެކްޓަރެއް ލައްވައި ވެސް ތާރު އެޅުމުގެ މަސައްކަތް ފެށޭތޯ،" މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ.

ސަރުކާރުގެ ސައްތައިންސައްތަ ހިއްސާއާއިއެކު އުފެއްދި އާރުޑީސީގެ މަސައްކަތްތަކުގެ ކޮލިޓީއާ މެދު ގިނަ ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ.