ކެއުމަށްފަހު މާ ގިނައިރެއް ނުވެ އަނެއްކާ ވެސް ބަނޑުހައި ވަނީ އެވެ. ކިތަންމެ ވަރަކަށް ކެޔަސް ބަނޑުހައިކަން ނުފިލަނީ އެވެ. މިއީ އަހަރުމެންގެ ތެރެއިން ގިނަ ބައެއްގެ ޝަކުވާ އެކެވެ. މިކަން މި ގޮތަށް ދިމާވެދާނެ ކިތަންމެ ސަބަބެއް ހުރެ އެވެ.

އޭގެ ތެރޭގައި ޖިސްމާނީ އަދި ނަފްސާނީ ކަންކަން ވެސް ހިމެނޭއިރު މި ލިޔުމުގައި މި ބަލާލަނީ އާއްމުކޮށް ފެންނަ އެފަދަ ބައެއް ކަންކަމަށެވެ.

މާބޮޑަށް ސްޓްރެސްވުން

މާބޮޑަށް ސްޓްރެސްވާ ނަމަ އަވަސް އަވަހަށް ބަނޑުހައިވާނެ އެވެ. ސްޓްރެސްވެ ކޯޓިސޯލް ހޯމޯން ލެވެލް މަތިވުމުން އެ ވަގުތު ލޮލަށް ފެންނަ ކޮންމެ އެއްޗެއް ކާހިތްވެ އެވެ. ސްޓްރެސް ދަށްވެ ހޯމޯން ލެވަލް ނޯމަލްވުމުން އެ ކްރޭވިން ދާނެ އެވެ.

ކަރު ހިއްކުން

ބަނޑުހައިކަމުގެ އިހުސާސް ކުރެވެނީ ފަހަރެއްގައި މާބޮޑަށް ޑީހައިޑްރޭޓް ވުމުން ކަަމަށް ވެދާނެ އެވެ. އެހެންވީމާ ކެއުމުގެ ބަދަލުގައި ފުރަތަމަ ފެން ބޯށެވެ. ފެން ބޮއެގެން ބަނޑުނުފުރޭ ނަމަ ދެން ކާށެވެ. ނަމަވެސް ބައެއް ފަހަރަށް ފެން ބުއިމުން ބަނޑުފުރެ އެވެ. އެއީ ޑީހައިޑްރޭޓްވެގެން ބަނޑުހައިވުމުންނެވެ.

ހަކުރު ބަލި ހުރުން

ޑައިބެޓީސްގެ ސަބަބުން ވެސް އަބަދު ބަނޑުހައިވެދާނެ އެވެ. ޑައިބެޓިސްގެ ސަބަބުން، ހަށިގަނޑަށް ބޭނުންވާ ވަރަށް ހަކަތައެއް ނުލިބޭނެ އެވެ. އެއީ ކާނާ ހަކަތައަށް ބަދަލުކުރުމަށް މައްސަލައެއް ކުރިމަތިވާތީ އެވެ. ޑައިބެޓިސްގެ ސަބަބުން ބަރުދަން ލުއިވެ، ގިނައިން ކުޑަކަމުދެވި އަބަދު ވަރުބަލިކަން އިހުސާސްކުރެވޭނެ އެވެ. މި އަލާމާތްތައް ފެންނަނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުން ބުއްދިވެރި އެވެ.

މާބަނޑުވުން

މާބަނޑު ދުވަސްވަރުގެ ފުރަތަމަ ކޮޅު އަބަދު ބަނޑުހައިވެ ކާހިތްވުމަކީ ބައެއް އަންހެނުންނަށް ކުރިމަތިވާ ކަމެކެވެ. އާ އެއްޗެއް ކާން ބޭނުންވެ ނުވަތަ ކުރިން ވަރަށް ކާހިތްވާ އެއްޗެއް ދެކެ ވަރަށް ފޫހިވާ ކަހަލަ އިހުސާސެއް ވެސް ކުރެވިދާނެ އެވެ.

އަވަސް އަވަހަށް ކެއުން

ކާއިރު މާ އަވަސް އަރުވާލައިގެން ކެއުން ރަނގަޅެއް ނޫނެވެ. އެއީ ބަނޑުފުރޭ ކަމުގެ އިހުސާސް ގިނަ ފަހަރަށް ނުކުރެވޭ ކަމެކެވެ. ކާއިރު ލަސްލަހުން ހަފައިގެން ކާއެއްޗެއްސަށް ސަމާލުކަން ދީގެން ކެއުން މުހިންމެވެ.