ކުރީގެ ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އިމާރާތްކުރުމަށް، އެތަން ކޮންނަނިކޮށް މިނިކަށިތަކެއް މިއަދު ފެނިއްޖެ އެވެ.

މަޖީދީ މަގުގައި ހުރި ޒިކުރާ މިސްކިތް ތަޅާލާ އެތަނުގައި އަލުން މިސްކިތެއް ބިނާކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން އެތަނުގެ ބިން ކޮންނަމުންދަނިކޮށް މިނިކަށިތަކެއް ފެނުނުކަން އިސްލާމިކް މިނިސްޓްރީންވަނީ ޔަގީންކޮށްދީފަ އެވެ.

އެހެން ނަމަވެސް، އިސްލާމިކް މިނިސްޓްރީން ބުނީ ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އެތަން ސާފުކޮށް އެތަނުގައި އާ މިސްކިތެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ޒިކުރާ މިސްކިތް ތަޅާލާފައި ހުންނަތާ ގިނަ ދުވަސްތަކެއްވެފައި ވަނިކޮށް އެތަނުގައި ވަގުތީ މިސްކިތެއް އަޅަން ސަރުކާރުން ނިންމީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

މި ނިންމުން ސަރުކަރުން އިއުލާންކުރީ އެ މިސްކިތް ތަޅާލާފައި ހުންނަތާ ގިނަ ދުވަސްތަކެއްވުމުން އެކަމުގެ އުނދަގޫ އެސަރަހައްދުގައި އުޅޭ މީހުންނަށް ކުރިމަތިވާތީ 1100 އަށްވުރެ ގިނަ މީހުންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ.