މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގޭ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ފުލުހުންގެ މަސައްކަތަށް ސިޔާސީ މީހުން ނުފޫޒު ފޯރުވަމުންދާކަމަށް އާއިލާއިން ބުނެފި އެވެ.
މި ހާދިސާ ހިނގިތާ މަސް ދުވަސްވެފައިވާއިރު އަދިވެސް ތަހުގީގަށް އެއްވެސް ކުރިއެރުމެއް ނުލިބޭތީ އެކަމުގެ ކަންބޮޑުވުންފާޅުކޮށް ޔުމްނުގެ އާއިލާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އަނިޔާވެރި ލާއިންސާނީ އަމަލު ހިންގި ފަރާތައް މިނިވަންކަމާއެކު އުޅެމުން ދިއުމަކީ ނުރަކަލެއް ކަމަށެވެ.
މި މައްސަލާގައި ފުލުހުން އަމަލުކޮށްފައިވަނީ އާއްމުކޮށް މައްސަލަތަކުގައި އަމަލުކުރާގޮތާއި ހިލާފަށްކަން ފާހަގަކޮށް އާއިލާއިން ބުނީ މައްސަލަ ބަލަން ފެށި ހިސާބުން މި މައްސަލައިގެ ތަހުގީގު ވަކި ދިމާލަކަށް އަނބުރާލަން މަސައްކަތްކޮށްފައިވާ ކަމަށާއި ފެންޓެނޯއީގެއާ އެއްވެސް ގުޅުމެއް ނެތް ކަމާއި އެގެއަށް އެމީހުން ވަދެފައިވަނީ އިއްތިފާގަކުން ކަމަށް ދޭހަވާގޮތަށް ފުލުހުން ބުނީ އެއްވެސް ހެއްކެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށެވެ.
ޔުމްނު ވެއްޓުނީ ފެންލައިޓުން ކަމަށް ފުލުހުން ބުނީ ކޮން ހެއްކެއްގެ މައްޗަށް ބުރަވެގެންކަން ހާމަނުކޮށްދެވުނު ކަމަށާއި ފެންލައިޓަކީ ފިންގަޕްރިންޓް ފަސޭހައިން ނެގޭނެ ތަނެއްކަމަށް ވީއިރު، އެތަނުގައި ފިންގަޕްރިންޓް ހުރިތޯ ބެލިކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަނުކުރާ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.
މި މައްސަލާގައި ފުލުހުންގެ މަސައްކަތަށް ސިޔާސީ މީހުންގެ ނުފޫޒު ފޯރާކަމުގެ އެތައް ބައިވަރު ހެއްކެއް ފެންނަމުންދާ ކަމަށާއި އެގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އަމީން ޕޮލިސް ކޮމިޝަނަރަށް ގުޅުއްވިކަމަށް މަޖިލީހުގައި އަމިއްލައަށް އިއުތިރާފްވެފައިވާކަން ފާހަގަކޮށް އާއިލާއިން ބުނީ ކޯޓް އަމުރަކާއި ނުލާ ތަންތަން ބަލާ ފާސްކޮށް ހޯދާ ހެއްކާއި ގަރީނާއަކީ އިޖުރާއަތްތައް ހަމަނުވުމުން ކޯޓް މަރުހަލާގައި ބާތިލުވެގެންދާނެ އެއްޗެއްކަމަށްވާތީ، މިކަމަކީވެސް ސީދާ މައްސަލާގައި އިންސާފު ލިބުނަ ނުދިނުމަށް ދުރާލާ ރާވައިގެން ކުރިކަމެއްކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
"މިގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އަމީން ޕޮލިސް ކޮމިޝަނަރަށް ގުޅުއްވިކަމަށް މަޖލީހުގައި ވަނީ އަމިއްލައަށް އިއުތިތާފުވެފައިއެވެ. އަދި އޭނާ ގުޅީ ފުލުހުން ކޯޓު އަމުރަކާނުލާ މއ. މާންދޫގެ ބަލާފާސްކުރުމަށް އައުމަށްކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް ކޯޓް އަމުރަކާއި ނުލާ ތަންތަން ބަލާ ފާސްކޮށް ހޯދާ ހެއްކާއި ގަރީނާއަކީ އިޖުރާއަތްތައް ހަމަ ނުވުމުން ކޯޓް މަރުހަލާގައި ބާތިލުވެގެންދާނެ އެއްޗެއްކަމަށްވާތީ މިކަމަކީވެސް ސީދާ މައްސަލާގައި އިންސާފު ލިބުނަ ނުދިނުމަށް ދުރާލާ ރާވައިގެން ކުރިކަމެއްކަމަށް ގަބޫލުކުރަމެވެ." ޔުމްނުގެ އާއިލާއިން ނެރުނު ނޫސްބަޔާނުގައިވެ އެވެ.
ހަމަމިއާއެކު މި މައްސަލަ ބަލަން އެކުލަވާލި ކޮމިޝަނުގެ ފަރާތުންވެސް އެއްވެސް މައުލޫމާތެއް ނުލިބޭތީއާއި މިކަމުގައި ދައުލަތުގެ އިހުމާލާއި ބައިވެރިވުން އޮތްކަމުގެ ކަންބޮޑުވުންވެސް ޔުމްނުގެ އާއިލާއިން ވަނީ ފާޅުކޮށްފަ އެވެ.
ޔުމްނު ވެއްޓުނު މައްސަލަ އާއި ގުޅިގެން ފުލުހުން އަމަލުކުރަމުންދާ ގޮތުގެ ސަބަބުން އާއްމުންވެސް ވަނީ ސިލްސިލާ އިހުތިޖާޖުތަކެއް ކޮށްފަ އެވެ.
މި ހާދިސާގައި ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ވެފައިވާއިރު ޔުމްނުގެ އާއިލާއިން މީގެ ކުރިން ހާމަކުރި ގޮތުގައި އޭނާގެ އުޅަބޮއްޓަށް ވަނީ ދާއިމީ ގެއްލުން ލިބިފަ އެވެ. ޔުމްނު އަށް ލިބުނު އަނިޔާތަކަށް އޭނާ އަންނަނީ މެލޭޝިއާގައި ފަރުވާ ހޯދަމުންނެވެ.
ޔުމްނު ވެއްޓުމާ ހަމައަށް އޭނާ އާއި އެއްކޮށް އުޅުނު ރައުދު އަހުމަދު ޒިލާލު ކޯޓުގެ އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދުގެ މައްސަލަ ހައި ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ. މިމައްސަލަ ހައި ކޯޓުން ބަލައިގަނެ، މައްސަލާގެ އަޑުއެހުން މިއަދު މެންދުރު ފަހު ފެށުމަށް ވަނީ ތާވަލުކޮށްފަ އެވެ.