މީރުވަސް ދުވާ ސެންޓެއް ގަނެގެން އައިސް އެ ޖަހައިގެން ބޭރަށް ނުކުމެ މާ ގިނައިރުތަކެއް ނުވަނީސް ސެންޓުގެ ވަސް ފިލަ އެވެ. ކިތަންމެ ބައިވަރެއް ޖެހި ނަމަވެސް ސެންޓުގެ ވަސް ގިނައިރަށް ނުހުންނަ ޝަކުވާއަކީ ގިނަ ބައެއްގެ ޝަކުވާ އެކެވެ.
މާހިރުން ވިދާޅުވާ ގޮތުގައި ސެންޓުގެ ވަސް ގިނައިރަށް ދެމެހެއްޓުމުގައި މުހިއްމީ ގިނައިން ޖެހުމަށްވުރެ ރަނގަޅު ގޮތުގައި ސެންޓު ޖެހުމެވެ.
އެގޮތުން ސެންޓުގެ ވަސް ގިނައިރަށް ބަހައްޓަން ބޭނުންނަމަ ވަކި ގޮތަކަށް އަމަލު ކުރަން ސެންޓު އުފެއްދުމުގެ މާހިރެއް ކަމަށްވާ ޖޮނީ ސްވަރްބަކްގެ ޓީމުން ލަފާދެ އެވެ.
ހަންގަނޑު ހައިޑްރޭޓް ކުރުން
ސެންޓު ޖެހުމުގެ ކުރިން އެންމެ ފުރަތަމަ ކަމަކަށް ހަންގަނޑު ހައިޑްރޭޓް ކުރަން ވިސްނާށެވެ. ފެންވެރުމަށްފަހު ހަންގަނޑު ތެތްކޮށް ހުއްޓާ ވަސް ނުދުވާ ހައިޑްރޭޓިން ލޯޝަންއެއް ހަށިގަނޑުގައި އުނގުޅާށެވެ. ރަނގަޅަށް ހައިޑްރޭޓް ވެފައިވާ ހަންގަނޑަކުން ގުދުރަތީ ތެޔޮ އުފައްދައިދޭއިރު މިއީ ސެންޓުގެ ވަސް ހިފަހައްޓަން އެހީވެދޭ ކަމެކެވެ.
ޕަލްސް ޕޮއިންޓްތަކަށް ސަމާލުވުން
މިއީ މިހާރުވެސް ގިނަ ބަޔަކު ކުރާ ކަމެކެވެ. ސެންޓު ޖަހާއިރު ނާރުތަކާއި ވިންދު ހުންނަ ތަންތަނަށް ސެންޓު ޖެހުމުން އޭގެ ވަސް ގިނައިރު ހުންނާނެ އެވެ. އެފަދަ ތަންތަނުގެ ތެރޭގައި ކަނދުރާއާއި ދެ އަތްތިލައިގެ އިތުރުން އުޅަނބޮއްޓާއި ދޯނގި ދަށް ހިމެނެ އެވެ.
ސީދާ ހަންގަނޑަށް ސެންޓު ޖެހުން
ރީތިވެ ހެދުން ލުމަށްފަހު ހެދުމަށް ސެންޓު ޖެހުމުގެ ބަދަލުގައި ހެދުން ލުމުގެ ކުރިން ސީދާ ހަންގަނޑަށް ސެންޓު ޖެހުމަކީ ވެސް ސެންޓުގެ ވަސް މުޅި ދުވަހަށް ހުންނާނެ ކަމެކެވެ. އެހެން ނަމަވެސް ހަންގަނޑަށް ސެންޓު ޖެހުމަށްފަހު މާ ބޮޑަށް އުނގުޅާނަމަ ސެންޓުގެ މޮލިކިއުލްސް ބަދަލުވެ ވަހަށް އަސަރު ކުރުން އެކަށީގެންވާ ކަމަށާއި އޭގެ ބަދަލުގައި އަމިއްލައަށް ހަންގަނޑަށް ސެންޓު ވަންނަން ފުރުސަދު ދިނުމަށް މާހިރުން ލަފާދެ އެވެ.
ސެންޓް "ޕަމްޕް" ރަނގަޅަށް ބޭނުން ކުރުން
ބައެއް ސެންޓު ޕަމްޕްތަކުން ފަހަރަކު އެތިކޮޅެއް އަންނައިރު އަނެއް ބައި ޕަމްޕްތަކުން މެދުކެނޑުމެއްނެތި ބުރުވާލަ އެވެ. މާހިރުން ވިދާޅުވާ ގޮތުގައި އެންމެ މޮޅު ގޮތަކީ ތިން ފަހަރު ޕަމްޕް ކުރުމެވެ. އިތުރަށް ވަސްގަދަ ކުރަން ބޭނުންނަމަ ދެތިން މިނެޓު މަޑުކުރުމަށްފަހު އަނެއްކާވެސް ތަކުރާރު ކުރުމެވެ.