މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އޮތީ ތަހުގީގަށް ބަޔާނެއް ދެވޭ ފަދަ ހާލަތެއްގައި ނޫންކަން ޑޮކްޓަރުންގެ ރަސްމީ ލިޔުން އެނގެން އޮތްކަމަށް ޔުމްނުގެ އާއިލާއިން ބުނެފި އެވެ.
ޔުމްނުގެ އާއިލާއިން މިހެން ބުނިއިރު ފުލުހުން ވަނީ ތަކުރާރުކޮށް މުއާމަލާތް ކުރަން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް ޔުމްނުގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހްގީގަށް އެއްބާރުލުން ލިބިފައި ނުވާ ކަަމަށާއި އެކަމާ ގުޅިގެން މެލޭޝިއާގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި މެލޭޝިއާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާ ކަމަށް ބުނެފައިވެ އެވެ.
މިއާއެކު ޔުމްނުގެ އާއިލާގެ ފަރާތުން އޭނާގެ ދައްތަ އާއިޝަތު ނާއިޝާ އަހުމަދު ރަޝީދު ވަނީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީނަށް ސިޓީއެއް ފޮނުވައިފަ އެވެ.
އޭނާ ފޮނުވި މި ސިޓީގައި ބުނީ ފުލުހުން ނެރުނު ނޫސްބަޔާނުގައި ބަޔާންކޮށްފައިވަނީ ކަންހިނގާދިޔަ ގޮތާއި ހިލާފަށް ކަމަށާއި މީޑިއާތަކަށް މައުލޫމާތު ދިން އިރު ކަނޑައެޅިގެން ހަގީގަތާއި ހިލާފު މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ތަހުގީގު ހިންގުމަކާއި ނުލާ ޔުމްނު ވެއްޓުނީ އަމިއްލައަށް ބުނެ ނޫސްވެރިންގެ ބައްދަލުވުމުގައި މިފަދައިން ބަޔާންދީފައި ވަނީ ވަކި މަގްސަދެއްގައި ކަމަށް ދެކޭ ކަމަށް ވެސް ބުނެފައިވެ އެވެ.
ފުލުހުން އަމަލުކޮށްފައިވާ ގޮތުން އިންސާފުވެރިކަމާ އެކު ތަހުގީގު ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ނެތްކަމުގައިވީ ނަމަވެސް ގާނޫނާއި ގަވާއިދުތަކަށް ތަބާވުމުގެ ގޮތުން އެއްވެސް ތަހުގީގަކަށް ހުރަސް ނާޅާނެ ކަމަށާއި މިހާތަނަށް ވެސް އެފަދަ ހުރަހެއް ކުރިމަތިކޮށްފައިނުވާނެ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.
އާއިލާއިން ބުނީ ޔުމްނުގެ ބަޔާން ނެގުމަށްޓަކައި މިހާތަނަށް ވެސް ރަސްމީ ގޮތެއްގައި ފުލުހުން އާއިލާއަށް އަންގާފައިނުވާ ކަމަށާއި ޔުމްނުގެ ބަޔާނެއް ނެގުމަށްޓަކައި ރަސްމީކޮށް ލިޔުމުން އަންގައިފިނަމަ އެކަމަށް ޖަވާބުދާރީވާނެ ކަމަށެވެ.
"މީގެ އިތުރުން 22 މެއި 2025 ގައި ތިޔެ ހިދުމަތުން ނެރުއްވި ބަޔާނުގައި ޙައްވާ ޔުމްނު ރަޝީދުގެ އާއިލާގެ ފަރާތުން އެއްބާރުލުން ލިބިފައިނުވާކަމަށް ބުނެ ބަޔާން ނެރުއްވާފައިވަނީ ވެސް، ތިޔަ ހިދުމަތުގައި މަސައްކަތްކުރަމުންދާ ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް ޑރ. ހަސަން އުމައިރު، ހައްވާ ޔުމްނު ރަޝީދުގެ އާއިލާގެ މެންބަރުންނާ މެލޭޝިއާގައި ދޮޅުގަޑިއެއްހާއިރުގެ ބައްދަލުވުމެއް ބާއްވާފައިވަނިކޮށް ކަމުގެ ހަގީގަތް އޮޅޭގޮތަށްކަން ހިތާމަޔާއެކު ފާހަގަކުރަމެވެ." ޔުމްނުގެ އާއިލާއިން ފޮނުވި ސިޓީގައިވެ އެވެ.
ފުލުހުންގެ ބަޔާނުގައި ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭ މައުލޫމާތެއް ވެސް އާއިލާގެ ފަރާތުން ހިއްސާކޮށްފައި ނުވާ ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކޮށް އާއިލާއިން ބުނީ އެފަދަ މައުލޫމާތެއް ހޯދުމަށް ފުލުހުން އެދިފައިނުވާ ކަމަށާއި ޔުމްނު އަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން އޭނާ މިވަގުތު އޮތީ ތަހުގީގަށް ބަޔާނެއް ދެވޭފަދަ ހާލަތެއްގައި ނޫންކަން ޑޮކްޓަރުންގެ ރަސްމީ ލިޔުންތަކުން ވެސް އެނގެން އޮތް ކަމަށެވެ.
މީގެ އިތުރުން ވެސް އާއިލާއިން ބުނީ ޔުމްނުގެ އާއިލާގެ މަސްލަހަތު އޮތީ އޭނާ އަށް އެކަށީގެންވާ ފަރުވާ ލިބިދިނުމާއެކު އޭނާއަށް އިންސާފު ހޯދުމުގެ މައްޗަށްކަމަށް ވާއިރު ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން އެކަމަށް އެއްބާރުލުން ދޭނެ ކަމަށެވެ.
އެހެންކަމުން ކަމުގެ ހަގީގަތް އޮޅޭގޮތަށް އަމަލު ނުކުރުމަށް ޔުމްނުގެ އާއިލާއިން ވަނީ ފުލުހުންގެ ކިބައިން އެދިފަ އެވެ.