ހުޅުމާލޭގެ މާސްޓަ ޕްލޭން ރިވިއުކުރުމަށްފަހު މިއަދު ރައީސް މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވައިފި އެވެ.

މި ޕްލޭން އިފްތިތާހުކޮށްފައި ވަނީ މިކަމަށްޓަކައި ހުޅުމާލެ 2 ވަނަ ފިޔަވަހީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މިކަމާ ގުޅޭގޮތުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެޗްޑީސީގެ މިހާރުގެ މެނޭޖްމަންޓުން އެ މާސްޓާ ޕްލޭން އަލުން ރިވައިޒްކުރުމަށްފަހު އެކުލަވާލާފައި ވަނީ ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ ގިނަ ކަންތައްތަކަކަށް މަގުފަހިކުރުމަށް ކަމަށެވެ.

އެގޮތުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ހުޅުމާލޭގެ ފަޅުތެރެއިން އިތުރު ބިންތައް ހިއްކާފައިވުމާއި، ބިމުގެ ޖާގަ އިތުރުވުމާގުޅިގެން އެ ބިންތައް ބޭނުންކުރާނެގޮތްތަކާމެދު ފަންނީ ގިނަ މަޝްވަރާތަކަކާއި ލަފާތަކެއް ހޯދާފައިވާކަމަށް އެޗްޑީސީން ބުނެ އެވެ.

މި ޕްލޭނުގައި ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެއްވަރަށް ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ހިދުމަތްތަކާއި އިތުރު ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހިމަނާފައިވާއިރު ވިޔަފާރިއާއި އިގްތިސާދީ ހަރަކާތްތައް އިތުރުކޮށް، އައު ކަންކަން ގެނައުމަކީވެސް މި ޕްލޭން ރިވައިޒްކުރުމުގެ އެންމެ ބޮޑު އެއް ބޭނުން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ރިވައިޒްކޮށްފައިވާ ހުޅުމާލޭގެ މާސްޓާ ޕްލޭން އިފްތިތާހުކުރުން. ފޮޓޯ: ރައީސް އޮފީސް

ހުޅުމާލޭގެ މާސްޓާ ޕްލޭން އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މާސްޓަރ ޕްލޭންގެ 3ޑީ މޮޑެލެއްވެސް ދައްކާލާފައިވާއިރު މިނިސްޓަ އޮފް ސިޓީސް، އާދަމް ޝަރީފް އުމަރު ވަނީ އެޗްޑީސީގެ އާ ވެބްސައިޓު ވެސް އިފްތިތާހުކޮށްދެއްވާފަ އެވެ.

ރިވައިޒްޑް މާސްޓާ ޕްލޭންގައި ހުޅުމާލޭގެ ބަނދަރު ސަރަޙައްދުގެ ގޮތުގައި މިހާރު ބޭނުންކުރާ 36 ހެކްޓަރުން 53 ހެކްޓަރަށް ބޮޑުކުރުމަށް ވަނީ ކަނޑައަޅާފައިވާއިރު ސްކޫލްތަކާއި މިސްކިތްތަކާއި އޮފީސް ޖާގައާއި، އެނޫންވެސް ޒަރޫރީ ހިދުމަތްތަކާއި ވަސީލަތްކަށް ހާއްސަ ބިންތައް އެކި ނެއިބަރހޫޑުގައި ވަނީ ކަނޑައަޅާފައެވެ.

ރިވައިޒްޑް މާސްޓަ ޕްލޭންގައި ބިންތައް އެލޮކޭޓްކޮށްފައިވާ ގޮތްތަކަށް ބަލާއިރު:

1) ރެޒިޑެންޝަލް ބޭނުންތަކަށް: %29.84

2) ސްކޫލްތަކާއި މިސްކިތްތަކާއި އިދާރާތަކަށް: %10.41

3) ކޮމާޝަލް ބޭނުންތަކަށް: %5.56

4) މިކްސްޑް ރެސިޑެންޝަލް ކޮމާޝަލް ޒޯން: %1.44

5) ގްރީން ސްޕޭސް، ސްޕޯޓްސް އެންޑް ރެކްރިއޭޝަން: %30.62

6) އޮފީސް ޖާގައާއި އެހެނިހެން ބޭނުންތަކަށް: %3.64

7) އިންޑަސްޓްރިއަލް މަސައްކަތްތަކަށް: %5.76

މިއާއެކު ހުޅުމާލޭ ފޭސް 2 އަދި ފޭސް 3 ޖުމްލަ 11 ކަނެކްޝަނަކުން ގުޅާލާ ފަސޭހައިން ދަތުރުފަތުރުކުރެވޭނެ ނިޒާމްތައް ގާއިމުކޮށް، ބިންވެރިޔާ މަޝްރޫއުގެ ޕްލޮޓްތަކަށް ބިންތައް ކަނޑައަޅާފައިވާއިރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްގީކުރާ ބައިނަލްއަގުވާމީ މާލީ އިދާރާއަށް ބޭނުންވާ އިންފްރާސްޓްރަކްޗާ އާއި އެހެނިހެން ވަސީލަތްތައް ގާއިމުކުރުން ވެސް މި ޕްލޭންގައި ވަނީ ހިމަނާފަ އެވެ.

މާސްޓަރ ޕްލޭނަކާއެކު ރާއްޖޭގައި މީހުން އާބާދުކުރަން ފެށުނު ފުރަތަމަ ސަރަހައްދު ކަމަށްވާ ހުޅުމާލޭގެ ފޭސް 1 ހިއްކައި، އެތަނުގައި މީހުން އާބާދުވާން ފެށީ 2004 ވަނަ އަހަރު އެވެ. އޭގެ ފަހުން ފޭސް 2 އާއި ފޭސް 3 ވެސް ވަނީ އިތުރުކޮށްފަ އެވެ.

އެއްލައްކަ މީހުންގެ އާބާދީއަކަށް އަމާޒުކޮށް ތަރައްގީކޮށްފައިވާ ހުޅުމާލޭ ފޭސް އެކެއްގައި 194 ހެކްޓަރު ހިމެނޭއިރު ފޭސް ދޭއްގައި 251 ހެކްޓަރު ހިމެނެ އެވެ. މިއީ 250،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށް ތަރައްގީކުރަމުންދާ ސަރަހައްދެކެވެ.