ނާމާން ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ބުދެއް ކަމަށްވާ "އެނަބެލް" ވީ ގޮތެއް ނޭނގި ގެއްލިފައިވާ ކަމަށް ހޮލީވުޑްގެ ބައެއް ހަބަރުތަކުން ބުނެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެމެރިކާގެ ކެނެޓިކެޓްގައި ހުންނަ ވޮރަންސް އޮކަލްޓް މިއުޒިއަމްގައި ބަހައްޓާފައިވާ އެ ބުދު މިހާރު އެތަނުގައެއް ނެތެވެ.
"ކޮންޖުއަރިން" އަދި "އެނަބެލް" ފަދަ ހޮލީވުޑްގެ މަޝްހޫރު ބިރުވެރި ފިލްމުތައް އެ ބުދާ ގުޅުވައިގެން އުފައްދާފައިވާ "އެނަބެލް" ބުދަކީ ޒަމާނުއްސުރެ ނާމާން ކަންތައްތަކާ ގުޅުވައިގެން ވާހަކަ ދެކެވޭ ބުދެކެވެ.
ބުނެވޭ ގޮތުގައި އެ ބުދަށް ރޫހާނީ ބާރުތަކެއް ލިބިގެންވާއިރު އޭގެ ސަބަބުން މާޒީގައި ބިރުވެރި އެތައް ހާދިސާއެއް ވެސް ހިނގާފައިވެ އެވެ.
ތާރީހު ދިރާސާކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި އެ ބުދަކީ 1970ގެ އަހަރުތަކުގެ ތެރޭގައި ނަރުސްކަން ކިޔެވި ދަރިވަރަކު ގެންގުޅުނު ބުދެކެވެ. އެ ދުވަސްވަރު "އެނަބެލް" ކިޔާ ރޫހެއް އެ ބުދަށް ވަދެ ނާމާންވީ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
"އެނަބެލް" ބުދު ދާރުލްއާސާރުން ގެއްލިފައިވާ ކަމަށް އަޑު ފެތުރެމުން ދިޔަ ނަމަވެސް ކަމާބެހޭ އިދާރާތަކުން ވަނީ އެ ހަބަރުތައް ދޮގުކޮށްފަ އެވެ.