މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް، 22، ގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

މިމައްސަލަ ޕީޖީ އޮފީހަށް ލިބިފައިވާކަން ކަށަވަރުކޮށްދީ، ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ރައުދުގެ މައްޗަށް ދައުވާ ކުރުމާމެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.

"ރައުދުގެ މައްސަލަ ބަލައިގަނެފައި، 15 ދުވަސް ތެރޭގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމާނަން،" ޝަފީއު ވިދާޅުވި އެވެ.

ރައުދުގެ މައްޗަށް ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވުމާއި މަސްތުގެ ހާލުގައި ހުރިކަމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލާގައި ރައުދު އެންމެ ފުރަތަމަ ހައްޔަރުކުރީ އޭޕްރީލް 24 ވަނަ ދުވަހު އެވެ. މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރި އިރު، ރައުދު ބަންދުުން ދޫކޮށްލުމަށްފަހު އޭގެ އިރޮޅެއްފަހުން އޭނާގެ ހައްޔަރުކޮށް ބަންދަށް 5 ދުވަސް ޖެހި އެވެ.