ހޮލީވުޑްގެ ކުރީގެ އެކްޓަރު މޭގަން މާކަލްގެ ދިރިއުޅުމަކީ "ޑްރާމާ"ތައް ގިނަ ދިރިއުޅުމެއް ކަމުގައި ބުނެވިދާނެ އެވެ. އިނގިރޭސި ޝާހީ އާއިލާއާ ގުޅުމާއި އެ އާއިލާއިން ވަކިވެ އަމިއްލަ ޝޯއެއް އުފެއްދުމަކީ ވެސް މީޑިއާގެ ސަމާލުކަން އޭނާއަށް ލިބުނު ކަންކަމެވެ.

މީގެ އިތުރުން މޭގަންއަށް މީޑިއާގެ ސަމާލުކަން ހުއްޓުނު އެއް ސަބަބަކީ މަޝްހޫރު ވޯގް ބްރިޓިޝްގެ ސެޕްޓެމްބަރު 2022 އެޑިޝަންގެ ބޭރުގަނޑަށް އަރަން އޭނާއަށް ލިބުނު ފުރުސަތެވެ.

އެހެން ނަމަވެސް ޝެޑިއުލިންގެ ދަތިތަކެއް ހުރި ކަމަށް ބުނެ އެ ފުރުސަތު އޭނާއަށް ގެއްލުނު ކަމަށް އެ ދުވަސްވަރު މީޑިއާގައި ހަބަރު ފެތުރުނެވެ.

އޭގެ ގާތްގަނޑަކަށް ދެ ތިން އަހަރު ފަހުން އަނެއްކާ ވެސް އެކަން މިވަނީ މީޑިއާގެ ސަމާލުކަމަށް އައިސްފަ އެވެ. ބުނެވޭ ގޮތުގައި މޭގަންއަށް ވޯގްގެ ފުރުސަތު ގެއްލުނީ ހަމައެކަނި ޝެޑިއުލިންގެ ސަބަބުންނެއް ނޫނެވެ.

ވޯގްގެ ނިންމުމުގެ ފަހަތުގައި މޭގަންގެ ފަރާތުން ފެނުނު ނޭދެވޭ ބައެއް އަމަލުތައް ވެސް ހިމެނޭ ކަމަށް މިހާރު މީޑިއާއަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އެގޮތުން ބްރިޓިޝް ވޯގްގެ އިތުރުން އެމެރިކާގެ ވޯގް މެގަޒިންގެ ކަވާގައި ވެސް އޭނާ ހިމަނަން މޭގަން ޑިމާންޑްކުރި ކަމަށް ބުނެވެ އެވެ.

އެކަމަށްޓަކައި މޭގަން އަމިއްލައަށް ވޯގްގެ އިސްވެރިންނާ މަޝްވަރާ ކުރި ނަމަވެސް އެކަން ނާކާމިޔާބު ވުމުން މޭގަން ވަނީ ވޯގް ޝޫޓްގައި ވެސް ނޭދެވޭ ކަންތައްތަކެއް ކޮށްފަ އެވެ.

އެހެން ކަމުން ވޯގް ބްރިޓިޝްއިން ވަނީ ކަވާއިން މޭގަން ބޭރުކޮށް އޭގެ ބަދަލުގައި ކަވާގައި ކެނެޑާގެ މޮޑެލް ލިންޑާ އިވަންޖެލިސްޓާ ބޭނުން ކޮށްފަ އެވެ.