ސެންޓާ އެންޓަޕްރައިސަސް އަށް 32 މިލިއަން ރުފިޔާ ދެއްކުމަށް ސަރުކާރުގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން ހުއްޓާލުމަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
އެ ފައިސާ އަކީ ސެންޓާ އެންޓަޕްރައިސަސް އިން ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް އަށް 2006 އިން 2008 ގެ ނިޔަލަށް ފޯރުކޮށްދިން މުދަލުގެ އަގަށްވާ 32.7 މިލިއަން ރުފިޔާ ކަމަށް އެ ކުންފުނިން ކުރި ދައުވާގައިވެ އެވެ.
ދައުލަތުން އެދިގެން ހައިކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރަން ދައުލަތުން ހުށަހަޅާފައިވާ މައްސަލައާ މެދު އެ ކޯޓުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން އެ ފައިސާ އެ ކުންފުންޏަށް ދޫނުކޮށް ސިވިލް ކޯޓުގައި ބެހެއްޓުމަށް އަމުރުކުރާ ކަމަށެވެ.
ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ސާބިތުކުރަން ސެންޓާ އެންޓަޕްރައިޒަސް އިން ސައްހަ ނޫން ލިޔުންތަކެއް ހުށަހެޅި ކަމަށް ފާހަގަވެ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުސް އޮފީހަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އެ މައްސަލަ ހުށަހަޅާފަ އެވެ.
އެ އޮފީހުން ބުނީ ސެންޓަ އެންޓަޕްރައިސަސް އިން ދައުވާކުރުމުން ސިވިލް ކޯޓުން ބަލާ ނިންމާފައިވާ ދެ މައްސަލައެއްގައި ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހަޅާފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ސެންޓާ އެންޓަޕްރައިޒަސް އަށް ބަދަލުދޭން ޖެހުނު މައްސަލައިގައި އޮޑިޓް އޮފީހުން ކުރިއަށްގެންދިޔަ އޮޑިޓަކުން ސައްހަ ނޫން ލިޔުންތަކެއް ޝަރީއަތަށް ހުށަހެޅިކަން ވަނީ ފާހަގަވެފަ އެވެ.
ސެންޓަ އެންޓަޕްރައިސަސްއިން 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު ފޯރުކޮށްދީފައިވާ ކަމަށް ބުނާ ހިދުމަތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ދިވެހި ދައުލަތަށް ރައްދުވާ ގޮތަށް ޖުމްލަ ތިން މައްސަލައެއް މިހާތަނަށް ސިވިލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އެއީ، އެންވަޔަރަންމަންޓް މިނިސްޓްރީ ސަޕްލައިކޮށްދީފައިވާ ކަމަށް ބުނާ ކަޅުހަންތަކަކާ ގުޅޭ މައްސަލައާއި، ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއަށް ސަޕްލައިކުރި ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްތަކަކާ ގުޅޭ ދެ މައްސަލައެކެވެ.