ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާ ގުޅިގެން، އެ ސަރަހައްދުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި މިއަދު ގުރުއަތުލުމެއް ބޭއްވުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ގުރުއަތުލުން އޮންނާނީ މިއަދު މެންދުރުފަހު 2:30 ގައި މާލޭގެ އުސްފަސްގަނޑު ސަރަހައްދުގަ އެވެ. މި ކަމަށްޓަކައި އެ ސަރަހައްދުގައި ޓެންޓެއް ޖަހައި، ގުރުއަތުލުމަށް ހާޒިރުވާ ފަރާތްތަކަށް ތިބެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ގުރުއަތުލުން ނިމުމުން، ގޯތިތަކުގެ ރަޖިސްޓަރީ އަދި ބިން ލިބޭ ފަރާތްތަކުގެ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ފަހުގެ ތާރީހެއްގައި ހިއްސާކުރާނެ އެވެ. ގުރުއަތު ނެގުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދާނީ މިނިސްޓްރީގެ މުވައްޒަފުންނެވެ.

ގުރުއަތުލުމުގައި ބައިވެރިވުމަށް، ކޮންމެ ގޯއްޗަކަށް އެއް ފަރާތަކަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ. އަދި ބިން ލިބޭ ފަރާތުގެ ބަދަލުގައި އެހެން މީހަކު ގުރުއަތުލުމަށް ފޮނުވާނަމަ، ބިން ލިބޭ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ހާޒިރުވާ މީހާގެ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންޖެހޭނެކަމަށް އެމިނިސްޓްރީން ހާމަކުރެ އެވެ.

އޭގެ އިތުރުން، ގުރުއަތުލުން ކުރިއަށްދާ ވަގުތު، ޕްލޮޓްތައް ލިބޭ ފަރާތްތަކުގެ މައުލޫމާތު ހިޔާވަހި ޕޯޓަލްއިން ފެންނަން ހުންނާނެ ކަމަށާއި، ޕްލޮޓް ލިބޭ ފަރާތަށް ވަގުތުން މެސެޖެއް ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.