އެމެރިކާއިން މަދު ދުވަސްކޮޅެއްގެ ތެރޭގައި ތިންވަނަ ފަހަރަށް އީރާނުގެ ސިޓީތަކަށް ވަރުގަދަ ހަމަލާތަކެއް ދިނުމާ ގުޅިގެން، އީރާނުން ރައްދުގައި ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފި އެވެ.
އެމެރިކާގެ ޕެންޓަގަނުން ބުނި ގޮތުގައި އާދީއްތަ ދުވަހުގެ ފަތިހު އީރާނަށް ހަމަލާދީފައިވަނީ، ސައިޕްރަސްގައި ރަޖިސްޓްރީކޮށްފައިވާ މުދާ އުފުލާ ބޯޓެއް ހޮރްމުޒް ކަނޑުއޮޅިން ހުއްދަނޫން މަގަކުން ދަތުރުކުރި ކަމަށް ބުނެ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އެ ބޯޓަށް ހަމަލާދިނުމާ ގުޅިގެންނެވެ. އައިއާރުޖީސީ އިން ފަހުން ބުނެފައިވަނީ ގަވާއިދާ ހިލާފުވި އެހެން ބޯޓަކަށް ވެސް ހަމަލާދީފައިވާ ކަމަށެވެ.
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަންދަރު އައްބާސް، ސިރީކް، ޖާސްކް، ގޭޝްމް އައިލެންޑް އަދި ހޫޒިސްތާން ޕްރޮވިންސުން ބާރުގަދަ ގޮވާތަކުގެ އަޑުވަނީ އިވިފަ އެވެ.
މި ހާދިސާތަކަށް ފަހު ބަހްރޭނާއި ޔޫއޭއީގައި ނުރައްކަލުގެ އިންޒާރުދޭ ސައިރަންގެ އަޑު އިވިފައިވާއިރު، ގަތަރުން ބުނީ އީރާނުން ފޮނުވާލި މިސައިލްތަކެއް ހުއްޓުވާފައިވާ ކަމަށެވެ. ނަމަވެސް މި ހަމަލާތަކުގައި ކުޑަކުއްޖަކާއެކު ތިން މީހަކު ޒަހަމްވި ކަމަށް ގަތަރުން ބުނެއެވެ. ކުވެއިތުން ވެސް ވަނީ ހަމަލާތައް ހުއްޓުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ. އަދި އުރުދުންއަށް އީރާނުގެ ތިން މިސައިލެއް ވެއްޓިފައިވާ ކަމަށް އެ ގައުމުން ކަށަވަރުކޮށްދެ އެވެ.
އައިއާރުޖީސީ އިން ވަނީ އުރުދުންގައި ހުރި ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރަކާއި ޑްރޯން ބަހައްޓާ ތަންތަނަށް ހަމަލާދީ ސުންނާފަތިކޮށްލާފަ އެވެ. އަދި ކުވޭތުގައި ހުރި އެމެރިކާގެ ރާޑަރު ސައިޓަކަށާއި، ގަތަރުގައި ހުރި ޖެޓް މަރާމާތުކުރާ މަރުކަޒަކަށް ވެސް ވަނީ ހަމަލާދީފަ އެވެ. އުމާންގެ ދުގުމް ބަނދަރުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭ މަރުކަޒުތަކާއި މަތިންދާބޯޓު އުފުލާ މަނަވަރުތަކަށް ތެޔޮ އަޅައިދޭ ވަސީލަތްތައް ނައްތާލާފައިވާ ކަމަށް ވެސް އީރާނުން ބުނެ އެވެ. ނަމަވެސް ޔޫއޭއީ އިން ފަހުން ބުނެފައިވަނީ ފާހަގަކުރެވުނު މިސައިލްތަކުގެ ނުރައްކާ އޮތީ އެ ގައުމުގެ ބޯޑަރުން ބޭރުގައި ކަމަށެވެ.
އެމެރިކާގެ ނުފޫޒު މި ސަރަހައްދުން ނިމެންދެން ހޮރްމުޒް ބަންދުކުރުން
އައިއާރުޖީސީ އިން ބުނި ގޮތުގައި ކަނޑުގެ ދަތުރުފަތުރުގެ ގަވާއިދުތަކަށް ބޯނުލެނބި ބޯޓެއް ހުއްޓުވުމަށްފަހު، އެ ސަރަހައްދުގައި އެމެރިކާއިން ހިންގާ ހަރަކާތްތަކާއި ނުފޫޒު ނިމުމަކަށް އަންނަންދެން ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެ އެވެ. ނަމަވެސް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ ވިޔަފާރި ބޯޓުތައް އަދިވެސް އެ ސަރަހައްދުން ދަތުރުކުރަމުންދާ ކަމަށެވެ.
ސެންޓްކޮމް އިން ބުނި ގޮތުގައި ސައިޕްރަސްގައި ރަޖިސްޓްރީކޮށްފައިވާ 'ޖީއެފްއެސް ގެލެކްސީ' ބޯޓަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ބޯޓު ވަނީ ހުއްޓިފަ އެވެ. އަދި ބޯޓުގެ ފަޅުވެރިއަކު ގެއްލިފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ. އިންޑިއާގެ ހާރިޖީ ވުޒާރާއިން ބުނީ ބޯޓުގައި ތިބި އިންޑިއާގެ 11 މީހުންގެ ތެރެއިން 10 މީހަކު ސަލާމަތް ކުރެވިފައިވާ ކަމަށާއި، އެކަކު އަދިވެސް ނުފެންނަ ކަމަށެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވިދާޅުވީ އީރާނުން ނިންމީ ނުބައި ނިންމުމެއް ކަމަށާއި، މިހާރު އޭގެ އަގު އެމީހުން ދައްކަން ޖެހޭނެ ކަމަށެވެ. މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ހަފްތާތަކަކަށް ދެމިގެންދިޔަ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށް އިއުލާނުކުރައްވާފަ އެވެ.
މި ކުރިމަތިލުންތަކާ ގުޅިގެން ދާއިމީ ހަމަޖެހުމަކަށް އައުމަށް ކުރެވޭ މަޝްވަރާތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ. އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގަލީބާފް ވިދާޅުވީ، އެއްކޮޅުން ފައިދާވާ ގޮތަށް ހަދާ އެއްބަސްވުންތަކުގެ ޒަމާން މިހާރު ނިމިއްޖެ ކަމަށާއި، ވީ ވައުދާ އެއްގޮތަށް އަމަލުނުކުރުމުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ.
މި ހަމަލާތައް ބަދަލުކުރެވިފައި މިވަނީ، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން އީރާނާއި އުމާނުގެ ހާރިޖީ ވަޒީރުން އުމާނުގައި މަޝްވަރާތަކެއް ބޭއްވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ. ހަމަ އެއާއެކު، އީރާނުގެ އާ ސްޕްރީމް ލީޑަރު އާޔަތުﷲ މުޖްތަބާ ހާމަނާއީ ވަނީ، އޭނާގެ ބައްޕަ އަދި ކުރީގެ ލީޑަރު އަލީ ހާމަނާއީ އަވަހާރަކޮށްލުމުގެ ބަދަލު ހިފާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފަ އެވެ.
ސްވިޓްޒަލެންޑް ބަލިކޮށް އާޖެންޓީނާ ކުރިޔަށް
ބެލިންހަމް ދެ ލަނޑާއެކު ނޯވޭ ބަލިކޮށް އިންގްލެންޑް ކުރިޔަށް
ބައްޕަގެ މަރުގެ ބަދަލު ހިފާނަން: މުޖުތަބާ ހާމަނާއީ