އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ކުރިއަށްގެންދާ މަޝްވަރާތަކުގައި ރާއްޖެއިން އެ ޤައުމަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުގެ ޑިއުޓީ ކެނޑޭ ގޮތަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމާ ގުޅޭ ވާހަކަތައް މިއަހަރު އުނިކޮށްލާފައިވާ ސަބަބު ހާމަކުރުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.
އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ފެށުނު މި މަޝްވަރާތަކުގައި، ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޑިއުޓީ ކެނޑޭ ގޮތަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން ވަނީ ހިމަނާފަ އެވެ. އެހެންނަމަވެސް، ފަހުން ބޭއްވުނު ބައްދަލުވުމުގައި މިކަން ނުހިމަނައި މަށްވަރާގައި އިސްކަންދީފައިވަނީ ދިވެހިންނަށް ވިސާ ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށެވެ.
އެމްޑީޕީން މިކަމާއި ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރިން މަޝްވަރާ ކުރެވިފައިވާ އެފްޓީއޭގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް ވަރަށް މުހިންމު ބަދަލުތަކެއް ގެނެސްދޭނެ ކަމެކެވެ. އަދި މީގެ ސަބަބުން މަސްވެރިންނަށް ލިބޭ އަގު ރަނގަޅުވެ، އާމްދަނީ އިތުރުވެގެންދާނެ ކަމަށް އެ ޕާޓީން ބުނެ އެވެ. މިހާރުވެސް ރާއްޖެއިން އެކްސްޕޯޓްކުރާ ދަޅުމަހުގެ ބާވަތްތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައިން އެކްސްޕޯޓްކުރެވެނީ އިނގިރޭސިވިލާތަށެވެ.
އެހެންނަމަވެސް، އައު ސަރުކާރުން މިކަމަށް ދޭ އިސްކަން ކުޑަވެފައިވާ ކަމަށާއި އެއީ މަސްވެރިކަމުގެ ސިނާޢަތަށް ލިބިދާނެ ބޮޑު ގެއްލުމެއްކަމަށް އެމްޑީޕީން ދެކޭކަމަށް ބުނެފައި ވެއެވެ.
ރާއްޖެއިން އެކްސްޕޯޓް ކުރާ ދަޅުމަހުގެ ބާވަތްތަކުގެ ތެރެއިން 50 ޕަސެންޓަށް ވުރެ ގިނައިން އެކްސްޕޯޓް ކުރަނީ އެ ގައުމަށެވެ. އެމްޑީޕީން ކުރި މަޝްވަރާތަކުން 2020 ވަނަ އަހަރު ޑިއުޓީ 24 ޕަސެންޓުން 20 ޕަސެންޓަށް ކުޑަ ކުރިކަން އެ ޕާޓީން ފާހަގަކޮށްފައި ވެއެވެ.
ޔޫކޭ-މޯލްޑިވްސް ޑަޔަލޮގުގެ ނަމުގައި ފުރަތަމަ މަޝްވަރާ ބައްދަލުވުން ބޭއްވީ 2023 ފެބްރުއަރީ 20ގައި ރައީސް ސޯލިހުގެ ވެރިކަމުގަ އެވެ.