ފުޅާ ދާއިރާއެއްގައި މާލެ އާއި ހުޅުމާލޭގައި ކޮންސްޓްރަކްޝަން އަދި ރިއަލްއެސްޓޭޓް ވިޔަފާރިކުރާ އާރުސީސީގެ އެއް ހިސާދާރު އިބްރާހިމް ރަޝީދުގެ ދޮށީ ދަރިކަލުން މުހައްމަދު ވިޝާމް އަކީ އެޗްޑީސީގެ ބޯޑު މެމްބަރެއް. އަދި ވިޝާމްއަކީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ ވެސް އެއްބަނޑުއެއްބަފާ ބޭބެ. އާރުސީސީގެ ހިއްސާދާރުންގެ ތެރޭގައި މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވެސް ހިމެނޭ. މިއީ ނާޒިމް އާއި އުޝާމް އަދި ވިޝާމްގެ އާއިލީ ކުންފުންޏަށް މާލީ ބޮޑު މަންފާއެއް ލިބޭ ގޮތަށް ބިޑަށް ނުލައި ސިއްރުން ދިން މަޝްރޫއެއް.

ޖާހު ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރަން ފެށި "ދަ ގާޑެންސް" ލަގްޒަރީ ފްލެޓު އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ނިންމަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސިއްރު އެއްބަސްވުމެއް ހަދައި އާރުސީސީއާ ހަވާލުކޮށްފި އެވެ.

ފުޅާ ދާއިރާއެއްގައި މާލެ އާއި ހުޅުމާލޭގައި ކޮންސްޓްރަކްޝަން އަދި ރިއަލްއެސްޓޭޓް ވިޔަފާރިކުރާ އާރުސީސީގެ އެއް ހިސާދާރު އިބްރާހިމް ރަޝީދުގެ ދޮށީ ދަރިކަލުން މުހައްމަދު ވިޝާމް އަކީ އެޗްޑީސީގެ ބޯޑު މެމްބަރެކެވެ. އަދި އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ ވެސް އެއްބަނޑުއެއްބަފާ ބޭބެ އެވެ. އާރުސީސީގެ ހިއްސާދާރުންގެ ތެރޭގައި މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވެސް ހިމެނެ އެވެ.

ކޮންސްޓްރަކްޝް މަސައްކަތް ކުރިން ކުރި ޖައުސާ ޖައުފަރު އީސާ އާދަމްގެ އާއިލީ ކުންފުނިން ބޮޑު އަގުގައި އެކި މީހުންނަށް ވިއްކި ފްލެޓްތައް ނިންމައިފައި ނުވާތީ ޝަކުވާ ކުރަމުން އަންނަތާ ވެސް އެތައް އަހަރެކެވެ. އެކަމާ ގުޅިގެން އެޗްޑީސީން 27 ޖެނުއަރީގައި އެ ކުންފުންޏަށް ފަހުގެ ނޯޓިސް ދިނެވެ.

އެއްބަސްވުން ބާތިލުކުރުމުން ވެސް ޖާހުއިން ވަނީ ބިން ހަވާލުކުރަން ދެކޮޅު ހަދައި، ކޯޓަށް ގޮސްފަ އެވެ. ނަމަވެސް ކޯޓުން ވަނީ މި މައްސަލައިގައި ޖާހުއިން އެދުނު ގޮތަށް ވަގުތީ އަމުރެއް ނެރެން ދެކޮޅު ހަދާފަ އެވެ.

އެނގިފައިވާ ގޮތުގައި އާރުސީސީއާ މި މަސައްކަތް ހަވާލުކުރީ 20 މިލިއަން ރުފިޔާއަށެވެ. ނަމަވެސް މި މަޝްރޫއުގެ އަގާއި ތަފުސީލްތައް ހޯދަން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވި އެވެ.

"ދަ ގާޑަންސް" ފްލެޓުތައް ނުނިމި ދިގުލައިގެން ގޮސް، މަސައްކަތް ނިންމަން އެކި ފަހަރު މަތިން ނޯޓިސް ދީ، އެންމެ ފަހުން އެ މަޝްރޫއު އެ ކުންފުނި އަތުން އަތުލަން ނިންމައި ތަން ހަވާލުކުރަން އެޗްޑީސީން ޖާހުއަށް އެންގީ މިދިޔަ 16 މާޗުގަ އެވެ.

އެއްބަސްވުން ބާތިލްކުރި މައްސަލާގައި ޖާހު ކުންފުނިން ވަނީ ކޯޓަށް ގޮސްފަ އެވެ. އެކަމަކު ސިވިލް ކޯޓުން ނިންމީ އެޗްޑީސީން އެ މަޝްރޫއު ހިންގާ ބިމާއި އިމާރާތް ހަވާލުވުން ހުއްޓުވުމުގެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.

ދަ ގާޑަންސްގައި 28 ސުއިޓާއި 55 ވިލާ ހިމެނޭހެން ޖުމުލަ 83 ލަގްޒަރީ ޔުނިޓު ހުރެ އެވެ. މި ތަނުން ޔުނިޓުތައް ވިއްކާފައި ހުރީ ދެ މިލިއަން ރުފިޔާއާ 13 މިލިއަން ރުފިޔާއާ ދޭތެރޭގެ އަގުތަކެއްގަ އެވެ.