ކުރިއަށް އޮތް ހައްޖުގެ އަޅުކަމާ ދިމާކޮށް ދުނިޔޭގެ އެންމެ ބޮޑު "ކޫލިންގް ސިސްޓަމް" ސައޫދީ އަރަބިއާގެ މަސްޖިދުލް ހަރަމްގައި ހަރުކޮށް ހިދުމަތް ދޭން ފަށައިފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި ދެ ސްޓޭޝަނަކަށް ބަހާލައިގެން ހަރަމްފުޅުގައި ހަރުކޮށްފައިވާ މި ސިސްޓަމްގެ ޖުމްލަ ކެޕޭސިޓީ 155،000 ޓަނަށް އަރަ އެވެ.

ރެއާދުވާލުގެ 24 ގަޑިއިރު މި ސިސްޓަމުން ހަރަމްފުޅުގެ ފިނިހޫނުމިން 22 ޑިގްރީއާއި 24 ޑިގްރީއާ ދެމެދު ބަހައްޓައިދެ އެވެ. އެއީ މެންދުރުގެ އެންމެ ހޫނުގަދަ ވަގުތުގައި ވެސްމެ އެވެ.

ހަރަމްފުޅު ބަލަހައްޓާ އިދާރާއިން ބުނީ މިއީ މި މޫސުމުގައި ހަރަމްފުޅަށް އަންނަ އެތައް ހާސް މުސްލިމުންނަށް ފަސޭހަ ކަމާއެކު އަޅުކަން ކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ފެށި ހިދުމަތެއް ކަމަށެވެ.

އެގޮތުން މި ސިސްޓަމްއާއެކު ހަރަމްފުޅުގެ ނަމާދުކުރާ ހުރިހާ ސަރަހައްދެއްގައި ފިނި ހޫނުމިން އެއްވަރެއްގައި ހިފަަހައްޓައިދޭނެ ކަަމަށްވެ އެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން ފެށެން ކައިރިވެފައިވާއިރު މިއީ އެންމެ ހޫނުގަދަ ހައްޖުގެ މޫސުން ކަމަށް ރެކޯޑުތަކުން ދައްކަ އެވެ. މިވަގުތު މައްކާގެ ފިނިހޫނުމިން އުޅެނީ 40 ޑިގްރީ ސެލްސިއަސްގަ އެވެ.

މިއަހަރަކީ ކައިރި މުސްތަގުބަލެއްގައި ހޫނު މޫސުމުގައި ހައްޖުގެ އަޅުކަން އަދާކުރަން ޖެހޭނެ ފަހު އަހަރެވެ. އަންނަ އަހަރުން ފެށިގެން ހައްޖު މޫސުން ދިމާވާނީ ބަހާރު މޫސުމާ އެވެ.