ރާއްޖޭގެ މިނިވަންކަމުގެ 60 އަހަރު ފުރުން ފާހަގަކުރުމަށް ބޭނުންކުރާނެ ލޯގޯއެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެމިނިސްޓްރީން ކުރި އިއުލާނުގައި، މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ލޯގޯ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން، އެންމެ ރަނގަޅު ލޯގޯ ހޮވާނީ ހާއްސަ ފަނޑިޔާރުންގެ ޕެނަލަކުން ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި އެންމެ މޮޅު ލޯގޯއަށް 30،000 ރުފިޔާގެ އިނާމެއް ދޭގޮތަށް ވަނީ ހަމަޖެހިފައި ހެރިޓޭޖް މިނިސްޓްރީން ބުނެ އެވެ.

އެމިނިސްޓްރީން ކުރި އިއުލާނުގައި ލޯގޯ ފަރުމާކުރުމުގައި އިސްލާމްދީނާއި ދިވެހިބަހާއި ސަގާފަތް އަދި ދިވެހި ތަރިކަ ރަމްޒުކޮށްދިނުމަށް އަންގާފައިވެ އެވެ. އަދި ގައުމީ ކުލަތަކާއެކު، ދިވެހި ކަނޑާއި ރާއްޖޭގެ މާހައުލު ރަމްޒުކުރާ ނޫކުލަ ބޭނުންކުރެވިދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ.