ހުޅުމާލޭގައި ބިދޭސީއަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި 16 އަހަރުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
ފުލުހުން ބުނިގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކް ސަރަހައްދުގަ އެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެ އެވެ.
އަނިޔާވި ބިދޭސީ މީހާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، މި މައްސަލައިގައި އަނިޔާ ލިބުނީ ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ ފިރިހެން ރައްޔިތެކެވެ. އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ އަންނަނީ ދެމުންނެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
މަދުން ނަމަވެސް، ރާއްޖޭގައި ބިދޭސީންނަށް ހަމަލާދީ ޒަހަމްކޮށްލާ މައްސަލަތައް ފެންމަތިވެ އެވެ. އެގޮތުން މީގެ ދެ ދުވަސް ކުރިން މާލޭގައި ވެސް ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވެ އެވެ. އެ ހާދިސާގައި އަނިޔާ ލިބުނީ ބަންގްލަދޭޝްގެ މީހަކަށެވެ.