ހދ. ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ދިނުމާ ގުޅޭ ގޮތުން ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލާ އެކު އެއްބަސްވުމަކަށް އައުމަށް ފެނަކައިން އިންކާރުކުރާ މައްސަލަ އެ ކައުންސިލުން ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކައުންސިލަކީ ވަކި ގާނޫނީ ޝަޚްސެއްކަމާއި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަކީ ކައުންސިލްގެ ޒިންމާއެއް ކަމާއި ލާމަރުކަޒީ ގާނޫނުން ލާޒިމުކުރާ އެއްބަސްވުން އެކުލަވާލުމަށް ކައުންސިލުން ބޭނުންވާކަން ހާމަކޮށް ޖޫން 3، 2024 ގައި ފެނަކަ އަށް ސިޓީއެއް ފޮނުވި ކަމަށެވެ.
ފެނަކައިން އެ ސިޓީއަށް ދިން ޖަވާބަކީ ތިންވަނަ ފަރާތަކުން ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްދޭ ނަމަ ކައުންސިލާ އެކު އެއްބަސްވުމެއް ހެދުމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް ފެނަކައަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ކުންފުންޏަކަށް ވާތީ، ތިންވަނަ ފަރާތެއްގެ ގޮތުގައި ފެނަކަ ނުބެލެވޭނެ ކަމަށެވެ.
ނަމަވެސް ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނާގޮތުގައި ގާނޫނުގައި ބުނާ ތިން ވަނަ ފަރާތުގެ ގޮތުގައި ފެނަކަ ވެސް ކަނޑައެޅޭނެ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން އެ ކައުންސިލުން ފޮނުވި ދެވަނަ ސިޓީއަށް ފެނަކައިން ޖަވާބުދީފައެއްނުވެ އެވެ.
އެހެންކަމުން ކުޅުދުއްފުށީގެ ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެވޭކަން ކައުންސިލުން ކަށަވަރު ކުރުމަށްޓަކައި، ފެނަކައާ ދެކޮޅަށް ޝަރީއަތަށް މައްސަލަ ހުށަހަޅަން ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 206 ވަނަ އާންމު ޖަލްސާގައި ފާސްކޮށްފައިވާ ކަމަށް އެ ކައުންސިލުން ނެރުނު ބަޔާނުގައިވެ އެވެ.