ޓެކްނިކަލް މައްސަލައެއް ދިމާވެ، ގައުމީ އެއާލައިން މޯލްޑިވިއަން އިން ށ.ފުނަދޫ އަށް މިއަދު ކުރާ ދަތުރުތައް މެދު ކަނޑާލައިފި އެވެ.
މޯލްޑިވިއަންއިން ބުނީ ވަގުތީގޮތުން ދަތުރުތައް މެދު ކަނޑާލީ ޓެކްނިކަލް މައްސަލައެއް ދިމާވެ، މިއަދު ފުނަދޫއަށް ކުރަން ހުރި ދަތުރުތައް ކުރެވެން ނެތުމުން ކަމަށެވެ.
އެއާއެކު ދަތުރު ނުކުރެވުނު ފަރާތްތަކަށް ދަތުރުކުރެވޭނެ އިތުރު ގޮތެއް އިންތިޒާމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ އެއާލައިނުން ވަނީ ބުނެފަ އެވެ.
މިކަމާއި ގުޅިގެން އިތުރު އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މޯލްޑިވިއަންގެ ހޮޓްލައިން 1671 އަށް ގުޅުމަށްވެސް އެދިފައި ވެއެވެ.
އީދު ބަންދާއި ދިމާކޮށް މޯލްޑިވިއަންގެ ހުރިހާ ޑެސްޓިނޭޝަން ތަކެއްގެ ޖާގަ ފުލްވެ، ބައެއް ސަރަހައްދުތަކަށް އިތުރު ފްލައިޓް ހަމަޖައްސާފައިކަން ފާހަގަކޮށްލެ ވެއެވެ. އަޟްހާ އީދު ބަންދަކީ ގިނަ ދިވެހިން ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތްކުރާ ބަންދެކެވެ.