ރާއްޖޭގެ މަޝްހޫރު ދީނީއިލްމުވެރިޔާ އައްޝައިޚް އިބްރާހީމް ފަރީދު އަހްމަދުގެ ކަށު ނަމާދު މާދަމާ މެންދުރު ނަމާދަށްފަހު ކުރަން ނިންމައިފި އެވެ.

ޝައިޚް ފަރީދުގެ ކަށު ނަމާދު އޮންނާނީ މާދަމާގެ މެންދުރު ނަމާދަށްފަހު މެލޭޝިޔާގެ ރާޖާ ހާޖީ ފީސަބީލިﷲ މިސްކިތުގަ އެވެ. ވަޅުލުމަށް ހަމަޖެހިފައި ވަނީ ތަނާހް ޕަރްކުބުރަން އިސްލާމް ރައުދުލް ބަގީ ސަހަރާގަ އެވެ.

މޫނު ދެއްކުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 11:00 އިން މެންދުރު 12:30 އަށެވެ.

މެލޭޝިއާގައި އޮތް ބައްދަލުވުމަކަށް ޚިދުމަތް ޖަމިއްޔާގެ ވަފްދަކާއެކު ރޭ އިރާކޮޅު މެލޭޝިޔާ އެއާޕޯޓަށް ވަޑައިގަތްތަނާ ޝައިޚް ފަރީދު ވެއްޓި ނޭވާލާން އުނދަގޫތަކެއް ކުރިމަތިވިއެވެ. އެއަށްފަހު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވަނީ އަވަހާރަވެފަ އެވެ.

ޝައިޚް ފަރީދަކީ ދީނީގޮތުން ރައްޔިތުން ހޭލުންތެރިކުރުމާއި ދަތިހާލުގައި އުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ސާބިތުކަމާއެކު ދެމި ހުންނެވި ބޭފުޅެކެވެ.

ގަތަރުން ދީނީ ރޮގުން މަތީ ތައުލީމް ހާސިލުކުރެއްވި ޝައިޚް ފަރީދަކީ ދެހާހުގެ ކުރީކޮޅު ދީނީ ރޮނގުން މީހުން ހޭލެއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ.

ކުރިމަތިވި ގިނަ ގޮންޖެހުންތަކުގެ ތެރެއިން ޝައިޚް ފަރީދަށް ދީނީ ނަސޭހަތް ދިނުމަށް ސަރުކާރުން ދީފައިވާ ހުއްދަ 2003 ވަނަ އަހަރު ބާތިލްވެސް ކޮށްފައިވެ އެވެ.

އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރާ ދެކޮޅަށް އޮގަސްޓު 12-13 ގައި ކުރި މުޒާހަރާތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ ވެސް ޝައިޚް ފަރީދުގެ މައްޗަށް އުފުލާފައިވެ އެވެ.