ރައީސް މުހައްމަދު މުއިއްޒު ސުޕްރީމް ކޯޓަށް އަައްޔަންކުރަން ބޭނުންވި މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދުގެ ނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހަމީދު އައްޔަނުކުރަން ވޯޓް ދެއްވީ 60 މެންބަރުންނެވެ. އަދި ސަލީމް އައްޔަނުކުރައްވަން 61 މެންބަރުން ވޯޓު ދެއްވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޖުމްލަ 12 ބޭފުޅުން ކުރިމަތިލެއްވި އެވެ. ނަމަވެސް އެންމެ މަތިން މާކްސް ލިބިވަޑައިގަތީ އެ ދެ ބޭފުޅުންނަށެވެ.
ހައި ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ފަނޑިޔާރު ސަލީމު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކޮށްފައިވަނީ 2022 ވަނަ އަހަރު އެވެ. އެހެންކަމުން އޭނާ ފަނޑިޔާރުކަން ކުރައްވާތާ އަދި ވީ ތިން އަހަރެވެ.
ފަނޑިޔާރު ސަލީމަކީ ގާނޫނީ ވަކީލެއްގެ ގޮތުން ކޯޓުތަކުގައި އެއްވެސް އިރަކު ވަކާލާތު ކުރައްވާފައިވާ ބޭފުޅެއް ނޫން ކަމަށް ޖޭއެސްސީގެ އިންޓަވިއުގައި ވެސް ވިދާޅުވިއިރު، މިކަމުގެ ކަންބޮޑުވުންވެސް މެންބަރުން ވަނީ ފާޅުކޮށްފަ އެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި މަޖިލީހުން ވަނީ ރައީސް މުއިއްޒު ފޮނުވި ދެ މީހުންނަށް ރުހުން ދީފަ އެވެ.
މީގެ އިތުރުން މި މަގާމަގަށް އައްޔަނުކުރަން މަޖިލީހުން ރުހުން ދިން ހަމީދަކީ 2007 ވަނަ އަހަރުން 2022 ވަނަ އަހަރާ ދެމެދު ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ.
އޭނާ އަކީ މީގެ ކުރިން ފަނޑިޔާރު ކަމުން ވަކިކޮށްފައިވާ ބޭފުޅެކެވެ. މިގޮތުން އެބޭފުޅާ ފަނޑިޔާރުކަމުން ވަކިކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފަނޑިޔާރުންނަށް ދޫކުރި ފްލެޓްތަކެއް ޑިސްކައުންޓް އަގުތަކެއްގައި ބައްލަވައިގަނެ, އޭގެ ބަދަލެއްގެ ގޮތުން ހައި ކޯޓުގެ ގަޒިއްޔާއެއްގައި ވަކި ގޮތަކަށް ހުކުމް ކުރެއްވި މައްސަލައަކާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ހުސްވެފައިވަނީ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރުމުގެ ސަބަބުންނެވެ.
މި ދެ ބޭފުޅުން މި މަގާމުން ވަކިކޮށްފައިވަނީ ރާއްޖޭގެ އިތުރުން އދ. އާއި އެކި ގައުމުތަކުގެ ބާ ކައުންސިލްތައް ހިމެނޭހެން ގިނަ ބައިނަލްއަގުވާމީ ފަރާތްތަކުން އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.