ރާއްޖެއިން ނޭޕާލަށް ކަނޑައަޅާ ނޮންރެޒިޑެންޓް ސަފީރުކަމަށް އައިޝަތު އަޒީމާ، މ. ބީނާފުށި އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި މަގާމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ.
އަޒީމާ އަކީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. އިންޑިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އަޒީމާ އައްޔަނުކުރީ އޮކްޓޫބަރު 28، 2024 ގަ އެވެ.
އޭނާ އަކީ އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ފަސްޓު ސެކްރެޓަރީގެ މަގާމާއި އެ ކޮމިޝަނުގެ މިނިސްޓާ ކައުންސެލާގެ މަގާމުވެސް މީގެ ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ.
މީގެ އިތުރުންވެސް އަޒީމާ އަކީ ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުރުގައި ރާއްޖެއިން ޗައިނާ އަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރެވެ. އޭނާ އެމަގާމަށް އައްޔަން ކުރެއްވީ 2019 ވަނަ އަހަރު އެވެ.