މިހާރުގެ އަމާޒަކީ މާލޭގައި 13،000 ހައުސިން ޔުނިޓް އެޅުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވާ ކައުސިލް އިންތިހާބުގެ އެމްޑީޕީ ކެމްޕެއިން ނިންމާލުމަށް މިރޭ ރަސްދޫ ފަޅުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވިގޮތުގައި އެއީ މާލޭގެ ރައްޔިތުންގެ ހާސްކަން ފިލުވާލަން ގެންގުޅުއްވާ އަމާޒެކެވެ. ބިން ފުރި ބަރާވެފައިވާ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްގެން ނޫނީ ލާމަރުކަޒީ ހައްލު ވަށާ ނުޖެއްސޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެއިތުރުން އަތޮޅު ތެރޭގައި ބޯހިޔާވަހި ކަމުގެ މަޝްރޫއު ހިންގަން 1.5 ބިލިއަން ރުފުޔާ ބަޖެޓު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ގެދޮރު އިމާރާތް ކުރަން ސަރުކާރުން ލުއި ލޯނުތައް ދެމުންގެންދާ ކަމަށާއި އެކަމުގެ ސަބަބުން އެތަކެއް ފަސޭހަތަކެއް ރައްޔިތުންނަށް ލިބިގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.