ރާއްޖެ މިހާރު މިއޮތީ ބަނގޫރުޓުވެފައި ކަމަށް ބުނުމުގެ ޖާގަ އެބައޮތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފުން ރޭ ބޭއްވި ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފެންނަން ހުރި ހިސާބުތަކަށް ބަލައި، އިގްތިސާދީ ނަޒަރަކުން ބަލައިނަމަ ރާއްޖެ މިހާރު މި އޮތީ ބަނގުރޫޓުވެފައި ކަމަށެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައި މިވަނީ ބައިނަލްއަގުވާމީ ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓު ރޭޓިން "ސީސީ" ގައި ދަމަހައްޓަން އިއްޔެ ނިންމުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
ރާއްޖެއިން ދަރަނި އަދާކުރަން ހުރި ހިރާސްތައް، ހާއްސަކޮށް މި އަހަރުގެ ފަހު ކުއާޓަރާއި ކުރިއަށް އޮތް ދެ އަހަރުން ދައްކަން ހުރި ބޮޑެތި ދަރަނިތައް ފިޗުން ވަނީ ފާހަގަކޮށްފަ އެވެ. "ސީސީ" ރޭޓިން އަކީ ދަރަނި ނުދެއްކި ބަނގުރޫޓުވެދާނެކަމުގެ ބިރު ބޮޑުވުމުންދޭ ރޭޓިން އެކެވެ.
ޔާމީން ވިދާޅުވީ ރާއްޖެ ބަނގުރޫޓުވެފައިވާ ކަމަށް ބުނުމުގެ ޖާގަ އޮތް ސަބަބަކީ ބޭރު ގައުމުތަކަށް ދައްކަން އޮތް ދަރަނި ނުދެއްކޭ މިންވަރަށް ރާއްޖޭގެ ރިޒާވް ދަށްވެފައި ވުމެވެ.
"ރާއްޖެ އޯލްރެޑީ މިއޮތީ، ޓެކްނިކަލީ ބަނގުރޫޓުގެ މާނައަށް ބަލާކަމަށް ވަންޏާ، އިގްތިޞާދުގައި ބޭންކްރަޕްސީ ނޫނިއްޔާ އިންޓަނޭޝަނަލް އިކޮނޮމިކްސްގައި ބޭންކްރަޕްސީގެ މާނައަށް ބަލާކަމަށް ވަންޏާ ރާއްޖެ މި އޮތީ ބޭންކްރަޕްޓު ވެފައި،" ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ހިސާބުތަކާއި ހިސާބު އަކުރުތައް ދޮގު ނުހަދާނެ ކަމަށެވެ.
ރާއްޖެއިން އެންމެ ބޮޑެތި އަދަދުތަކުން ލޯނު ނަގާފައިވާ އިންޑިއާއާއި ޗައިނާއަށް ނިސްބަތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ލޯނުތަކުގެ ފައިސާ އަނބުރާ ލިބޭ ފަރާތްތައް ނުވަތަ ގައުމުތަކުން އެކަން އިއުލާނު ނުކޮށްފާނެ ކަމަށެވެ. އެ ދެ ގައުމާއި ރާއްޖެ ބާއްވާ ގުޅުމުގެ ސަބަބުން މި ހާލަތުގައި ރާއްޖެއާމެދު އަދި އޮތީ ވަރަށް ކެތްތެރިކޮށް ކަމަށް ޔާމީން ވިދާޅުވި އެވެ.
މިހެން ކަންކަން އޮތްއިރު، އިގްތިޞާދީ ގޮތުން ކަންކަން އޮޅުންނުފިލާ މީހުން، ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ތައުރީފް ކުރުމުގެ ގޮތުން، ހާލަތުގެ އަސްލު ފޮރުވޭ ވާހަކަ ދެއްކުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރަން ފަސޭހަ ކަމެއް ނޫން" ކަމަށް ޔާމީން ވިދާޅުވި އެވެ.
ފިޗުން އިއްޔެ ނެރުނު ރޭޓިންގައިވާ ގޮތުން މިއަހަރުގެ ދެވަނަބައިގައި 688 މިލިއަން ޑޮލަރު ދައްކަން ޖެހޭއިރު އަންނަ އަހަރު ދަރަނި ސާވިސް ކުރަން 1.1 ބިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެ އެވެ. އަދި ރޭޓިން ކޮމެންޓްރީގައި ބުނީ އިންޑިއާ ސަރުކާރުން ހަމަޖައްސައިދިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ނުހިމަނައި ރާއްޖޭގެ ޔޫޒަބަލް ރިޒާވުގައި ހުރީ 28 މިލިއަން ޑޮލަރު ކަމަށެވެ.
ރާއްޖޭގެ ދަރަނިތައް ރީފައިނޭންސް ކުރުމަށާއި ބޭރުން ފައިސާ ހޯދުމަށް ދަތިތަކެއް ހުރިކަން ފާހަގަކޮށް ފިޗުން ބުނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރަން އަޅަން ނިންމި ފިޔަވަޅުތަކަށް އަމަލު ނުކުރެވުމުގެ ސަބަބުން ޖެޓު ޑެފިސިޓް ބޮޑުވާނެ ކަމަށް އަންދާޒާ ކޮށްފައި ވެއެވެ.
ފިޗުން ލަފާ ކުރާގޮތުގައި، މިހާރު 114.5 ޕަސެންޓުގައި ހުރި ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީގެ) 125 ޕަސެންޓަށް ދައުލަތުގެ ސީދާ ދަރަނި އަރާނެ އެވެ.
މީގެކުރިން ސަރުކާރުގެ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމިކަން އިއުލާން ކުރި ނަމަވެސް އެކަމަށް އެންމެ އެދެވޭ ފިޔަވަޅުތަކެއް ނާޅައި ސަރުކާރުން ވަނީ އެކަން ހުއްޓާލައިފަ އެވެ.