އިނގިރޭސިވިލާތުގެ ބްރިސްޓަލް ގައި ފިރިމީހާ އާއެކު ދިރިއުޅެމުންދިޔަ ބޫމީ ޗޯހާން ޗުއްޓީއަކަށް އިންޑިއާ އަށް ކުރި ދަތުރު ނިންމާލުމަށް ފަހު އެނބުރި އިނގިރޭސިވިލާތަށް ދިޔުމަށް ހަމަޖެހިފައި އޮތީ މިދިޔަ ބުރާސްފަތި ދުވަހު އެއާ އިންޑިއާގެ ފްލައިޓުންނެވެ.
އެހެންނަމަވެސް، ޓްރެފިކުގެ ބާރުބޮޑުކަމާއި ހުރެ އިނގިރޭސިވިލާތުގައި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ކިޔަވަމުން އަންނަ 28 އަހަރުގެ ބޫމީ އަށް އަހްމަދުއާބާދު އެއާޕޯޓަށް ދެވުނީ 10 މިނިޓް ލަހުންނެވެ. އޭރު މި ބޯޓު ފުރަން އެއް ގަޑިއިރަށް ވުރެ ވަގުތު ވަނީ ކުޑަވެފަ އެވެ.
މި ފްލައިޓަށް އޭނާ އޮންލައިންކޮށް ޗެކިންވި ނަމަވެސް އެއާޕޯޓުގެ ސްޓާފުން ވަނީ އޭނާއަށް އެ ބޯޓަށް ނޭރޭނެ ކަމަށް ބުނެ އަނބުރާ ފޮނުވާލާފަ އެވެ. އެކަމާ ބޫމީ ހުރީ އޭނާ ދަތުރުކުރި ކާރުގެ ޑްރައިވަރު ދެކެ ވަރަށް ބޮޑަށް ރުޅިވެސް އައިސްފަ އެވެ.
އޭގެ ފަހުން ބޫމީ ދިޔައީ ސައިބޯ ތަނަކަށެވެ. އެތަނުގައި ހުރެގެން ޓްރެވަލް އެޖެންޓް މެދުވެރިކޮށް އޭނާގެ ޓިކެޓް ގެ ރީފަންޑް ލިބޭނެ ގޮތެއް ހޯދުމަށް ވާހަކަ ދެއްކި އެވެ. އަދި ބޯޓު ވެއްޓުނު ކަމުގެ ހަބަރު ލިބުނީ އެތަނުގައި ސައިބޯން ހުއްޓާ ކަމަށް ބޫމީ ވަނީ ބުނެފަ އެވެ.
ގުޖުރާތުގެ ބީބީސީ ސާވިސްއަށް މައުލޫމާތު ދެމުން ބޫމީ ބުނީ ލަހުން އެއާޕޯޓަށް ދެވުނީތީ މިހާރު ޝުކުރުކުރާ ކަމަށެވެ.
އެއާ އިންޑިއާގެ ބޯޓެއް ވެއްޓި ބުރާސްފަތި ދުވަހި ހިނގާދިޔަ ހާދިސާގައި އޭގެން ދަތުރުކުރި 241 މީހުން ވަނީ މަރުވެފަ އެވެ.
މި ހާދިސާގައި ސަލާމަތްވީ ވިޝްވާޝް ކުމާރު ރަމޭޝް ނަމަކަށްކިޔާ މީހެއް އެކަންޏެވެ. އޭނާ ބުނި ގޮތުގައި ބޯޓުން ސަލާމަތް ވެވުނު ގޮތެއް ނޭނގެ އެވެ. އޭނާ އަށް އެކިވަރުގެ އަނިޔާތައް ވަނީ ވެފަ އެވެ.