ޑޮލަރުގެ އަގު ތިރިއަށްދާނެ ކަމަށް ސަރުކާރުން ބުނިތާ އެތައް މަހެއް ވެގެން ދިޔައިރު ވެސް ޑޮލަރު އަގު ތިރިނުވެ، އެންމެފަހުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 19.50ރ. އަށް އުފުލިއްޖެ އެވެ.
އެމްއެމްއޭއިން ލައިސަންސް ދީފައިވާ ބައެއް އެކްސްޗޭންޖް ކައުންޓަރުތަކުން ޑޮލަރު މިއަދު ގަންނަނީ 19:30ރ. އަށެވެ. އަދި ވިއްކަން ހުރީ 19.50ރ. އަށެވެ.
ރާއްޖެއަށް ގިނަ އަދަދަކަށް މުދާ އެތެރެކުރާ ވިޔަފާރިވެރިއަކު ވިދާޅުވީ ޑޮލަރު ބޮޑެތި އަދަދުތަކުން ގަންނަން މިހާރު ނުލިބޭ ކަމަށެވެ. އޭގެ ސަބަބުން މުދާ އިމްޕޯޓްކުރުން މަދުކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ކޮންމެހެން ގެންނަން ޖެހޭ ބާވަތްތައް އެކަނި މިގެންނަނީ. އެހެން ގެންނަ ޝިޕްމަންޓަކަށް ދައްކަން ޖެހޭ ވިއްސަކަށް ހާސް ޑޮލަރު ވެސް ގަންނަން ނުލިބޭ،" އެ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ. "ކަސްޓަމްސްގެ ތަފާސްހިސާބަށް ބަލާލީމަ ފެންނާނެ އިމްޕޯޓަށް ވަމުން އަންނަ ގޮތް."
އޭނާ ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އިން މުދާ ގަންނަން ޓީޓީއަށް ޑޮލަރު ދެނީ އެވަގުތަކު ހިތަށް އެރި މިންވަރަކަށް ކަމަށެވެ. އެހެން ހެދުމުން ޑޮލަރު ގަންނަން ޖެހޭ މިންވަރު އެއްގޮތަކަށް ވެސް ލަފާކުރަން ނޭނގޭ ކަމަށް ވެސް އެ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.
"ގައުމުގެ މުހިންމު ވިޔަފާރިތައް މިދަނީ ހުއްޓެމުން. ބޮޑު އަގުގައި ގަންނަން ވެސް ޑޮލަރު ނުލިބިގެން މުދާ ނުގެނެވި ތިބި އެތައް ބަޔަކު އެބަތިބި،" އޭނާ ވިދާޅުވި އެވެ.
އެ ވިޔަފާރިވެރިޔާ ވިދާޅުވީ ކޮވިޑްގެ އެންމެ ދަތި ދުވަސްވަރު ވެސް ޑޮލަރު ބޭނުން ވަރަކަށް ގަންނަން ލިބުނު ކަމަށެވެ. ނަމަވެސް މިހާރު އެއަށް ވުރެ ޑޮލަރު ހޯދުން އުނދަގޫ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ޑޮލަރު ގަންނަ ރޭޓަކީ ކޮވިޑުގެ ބަލިމަޑުކަމުގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ޓޫރިޒަމް ދާއިރާއިން ޑޮލަރު ވަނުން ހުއްޓިފައި އޮތް ދުވަސްވަރު ޑޮލަރުގެ އަގު ހުރި ރޭޓު. މި ރޭޓުގައި ޑޮލަރު ގަނެގެން މުދަލުގެ އަގު ބޮޑު ނުކޮށް ދެކޮޅު ޖެއްސޭނެ ގޮތެއް ނެތް،" އެ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.
ޑޮލަރުގެ ކަޅު ބާޒާރު ހީނަރުވާކަމުގެ ކޮޅުމަތި ފެންނަން ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދާދި ފަހުން ވެސް ވިދާޅުވެފައިވެ އެވެ. އެގޮތުން، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗު މަހާ ހަމައަށް 150 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިއީ ކުރިއާ އަޅާބަލާއިރު އުންމީދު ނުކުރާފަދަ ކުރިއެރުމެއް ކަމަށެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޑޮލަރުގެ އަގު އުފުލިގެން އުޅެން ދެން ނުޖެހޭނެ ކަމަށާއި ދެން ފެންނާނީ ޑޮލަރުގެ އަގު ހެޔޮވަމުން ދާތަން ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު ވިދާޅުވި ފަދަ ހެޔޮ ބަދަލެއް މިހާތަނަށް ފެނިފައެއް ނުވާ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.