ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ ދެވަނަ ދައުރެއް ދިނުމަށް ރައްޔިތުންގެ ކިބައިން ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް އާދޭސްކޮށްފި އެވެ.
ވެރިކަންކުރާ ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ ފަސް އަހަރުގެ ދައުރެއް ލިބިގެން ތަރައްގީއެއް ނުގެނެވޭނެ ކަމަށާއި އެހެންކަމުން ރައީސް މުއިއްޒަށް ރިޔާސީ ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވީ ފަސް އަހަރުގެ ދައުރެއްގެ ފުރަތަމަ ދޭއް ނުވަތަ ތިން އަހަރު މަސައްކަތް ކުރަންޖެހެނީ އޭގެ ކުރިން ވެރިކަން ކުރި ސަރުކާރުގެ ހަޑި ފިލުވަން ކަމަށެވެ. އެކަންކޮށް ނިމޭއިރު، އިތުރު ކަމެއް ކުރާނެ ވަގުތެއް ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ،
"2008 ގައި އަޅުގަނޑުމެންނަށް މި ލިބުނު ވެރިކަމުގެ [ނިޒާމުގެ] ތެރެއިން އަޅުގަނޑުމެންނަށް މިއަދާ ހަމައަށް އައި އިރުގައި ހަގީގަތުގައި ރާއްޖޭގެ ރައްޔިތުން މިއަދު ވިސްނާ ފިކުރު ކުރަން އެބަޖެހޭ ފަސް އަހަރުގެ ދައުރެއް، ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެނެއް ގައުމެއް ތަރައްގީއެއް ނުކުރެވޭ،" މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް މުއިއްޒަށް ވެރިކަމުގެ ދެވަނަ ދައުރެއް ދިނުމަކީ މަޖުބޫރު ކަމެއް ކަމަށެވެ. އަދި ދެވަނަ ދައުރެއް ހޯދުމަށްޓަކައި އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކައުންސިލަރުން އިންތިހާބު ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.