ކޮވިޑް-19ގެ ވެކްސިން ކާޑު ވިއްކުމުގެ ވަގު ވިޔަފާރި ފުޅާވެ ގިނަ ގައުމުތަކެއްގެ ސަމާލުކަމަށް އެކަން އައިސްފި އެވެ.

ޓެކްނޮލޮޖީގެ މާހިރުން ވިދާޅުވާ ގޮތުގައި ގިނަ ގައުމުތަކަކުން ވެކްސިންގެ ސަބަބުން ލިބޭ ލުއިތައް އާއްމު ކުރުމާއެކު އޮންލައިންކޮށް ކުރާ މި ވިޔަފާރި އަދިވެސް ފުޅާވުމުގެ ބިރު އެބައޮތެވެ.

ދުނިޔޭގެ ބޮޑެތި ގައުމުތަކުން ދަނީ ކޮވިޑް 19 އަށް ވެކްސިން ޖަހާ އެގައުމުތަކުގެ ރައްޔިތުންނަށް ބައިނަލްއަޣްވާމީ ދަތުރުފަތުރާއި އާއްމު އެއްވުންތަކަށް އެއްވެ އުޅުމުގައި ލުއިފަސޭހަތަކެއް ދޭން ނިންމަމުންނެވެ. އެއާއެކު ގިނަ ބަޔަކު ވަނީ ވެކްސިން ޖެހިކަން އަންގައިދޭ ވަގު ވެކްސިން ކާޑުތައް ބޭނުންކޮށް މި ލުއިފަސޭހަތަކުގެ ނާޖާއިޒު ފައިދާ ނަގަން މަސައްކަތްކޮށްފަ އެވެ.

ސައިބަ އެފްސްޕާޓުން ވިދާޅުވާ ގޮތުގައި ވެކްސިން ކާޑު ވިއްކުމުގެ ކަޅު ބާޒާރުގައި އެތައް ސަތޭކަ ވެބްސައިޓެއް ބައިވެރި ވެފައިވާއިރު އާއްމު ގޮތެއްގައި ވަގު ވެކްސިން ކާޑެއްގެ އަގު އުޅެނީ އެވްރެޖްކޮށް 12 ޑޮލަރަށެވެ. މިވެބްސައިޓުތަކުގެ ތެރޭގައި އީބޭ، ޝޮޕިފައި އަދި ޓްވިޓަ ފަދަ ވެބްސައިޓުތައް ހިމެނެ އެވެ.

ވެކްސިން ކާޑުގެ ކަޅު ބާޒާރު ފުޅާވެ ކަންބޮޑުވުންތައް އިތުރު ވުމާއެކު ޗައިނާ ފަދަ ކުރިއަރާފައިވާ ގައުމުތަކުން ވަނީ ވެކްސިން ކާޑު ޑިޖިޓަލް ކޮށް ކިއު އާރު ކޯޑް ސިސްޓަމް އަކުން ވެކްސިން ކާޑުގެ ސައްހަކަން ޔަގީން ކޮށްދޭ ނިޒާމެއް ތައާރަފް ކޮށް ބޭނުންކުރަން ފަށާފަ އެވެ.